އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ފެއްޓެވި "ބޮޑު ބަދަލު" ހަރަކާތުގެ މަޝްވަރާތައް ކުރިއަށްގެންދާ ރަސްމީ ވަޓްސްއެޕް ގްރޫޕުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ނިކުމެވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒު މި ގްރޫޕުން ނިކުމެވަޑައިގަތީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ރައީސް ނަޝީދުގެ އަރިހުން އެމްޑީޕީގެ ބައެއް މެންބަރުން އެދިވަޑައިގެން އެ ގްރޫޕުގައި މެސެޖުތަކެއް ކުރަން ފެށުމާ ގުޅިގެންނެވެ.
ގްރޫޕުން ނިކުމެވަޑައިގަންނަވަމުން ފޮނުއްވި މެސެޖުގައި ފައްޔާޒު ވިދާޅުވީ، އެ ގްރޫޕް އުފެދުނު އަސްލު މަގްސަދު މިހާރު ގެއްލި، ޕާޓީގެ އެތެރޭގައި ބޭކާރު މައްސަލަތަކެއް އުފެދުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ފައްޔާޒު ވަނީ 'ބޮޑު ބަދަލު' ގެ ނަމުގައި ކުރިއަށްގެންދާ މަސައްކަތަކީ މި ގައުމަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، އެކަމުގައި ވީހާވެސް ގިނަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވިދާޅުވެ، ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އެމްޑީޕީގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް ނަޝީދު ވާދަކުރެއްވުމަށް އެދި ބައެއް މެންބަރުން މިފަދަ މަސައްކަތްތަކެއް ފައްޓަވާފައިވާއިރު، ރިޔާސީ ރޭހުގައި އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ފައްޔާޒު އިސްމާއީލަށް ތާއީދުކުރައްވާނެ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައިވެސް ނަޝީދާއެކު ފައްޔާޒު އިސްކޮށް ފެނިގެންދިޔައިރު، ނަޝީދު އިސްނަންގަވައިގެން ފެއްޓެވި "ބޮޑު ބަދަލު" ހަރަކާތުގައިވެސް އެމަނިކުފާނާއެކު އެންމެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވީ ފައްޔާޒުކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، 2028 ގެ ރިޔާސީ ޓިކެޓާ ގުޅޭގޮތުން އުފެދުނު މި ބަހުސާއެކު، ދެ ބޭފުޅުންގެ ގުޅުމަށާއި ޕާޓީގެ އެތެރޭގެ މަސްރަހަށް އަނެއްކާވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ.
