މިހާރު ކުރިއަށްދާ ފަސް އަހަރުގެ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު، އަދި ނުރައްކާތެރި ދައުރު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި އެ ޕާޓީގެ ރިޔާސީ ޕްރަމަރީގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫގައި ރޭ ބޭއްވި "ބޮޑު ބަދަލު" ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު 20 ވަރަކަށް އަދި 30 އަހަރަށް ފަހަތަށް ސޮއްސާލާފައިވާ ކަމަށެވެ. އަދި މިކަމުގެ ހިތި އަސަރުތައް ކުރިއަށް އޮތް މަސްތަކާއި އަހަރުތަކުގެ ތެރޭގައި ރައްޔިތުންނަށް އިތުރަށް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސްއިން ފާސްކޮށްފައިވާ "ބޮޑު ބަދަލު" އާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، މި ސިޔާސަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެރިކަމަށް އަންނަ ފަރާތަކުން ރާއްޖެއަކީ އަމިއްލަ މުދާގަނޑެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ނައްތާލުން ކަމަށެވެ.
މިގޮތުން ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި ރައްޔިތުންގެ ސީދާ ބޭނުން މަގަށް މެނުވީ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ނުގެނެވޭނެގޮތް ހެދުމާއި، ވެރިކަމަށް އަންނަ ކޮންމެ މީހަކުވެސް ވާންޖެހޭނީ ހަމައެކަނި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނަ މީހަކަށް ކަމުގައި ހެދުންކަމަށް ފައްޔާޒު ވިދާޅުވިއެވެ.
