ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓިކްޓޮކްގައި މަޝްހޫރު މަރިޔަމް ސަމާ ޝަރީފް ކުރިއަށް ގެންދިޔަ ލައިވެއްގައި ރޭ އެއްލައްކައަށް ވުރެ ގިނަ ރުފިޔާ އެއްކޮށް އެ ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފިއެވެ.

ސަމާ ވަނީ މި ފައިސާ އެއްކުރުމަށްފަހު، ފަލަސްތީނަށް އެހީވުމަށް އިސްލާމިކް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާފައިވާ އިމަޖެންސީ ރިލީފް ފަންޑަށް އެ ފައިސާ ޖަމާކޮށް ސްލިޕް ކޮޅު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ސަމާގެ ރޭގެ ލައިވް ހާއްސަކޮށްފައިވަނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށެވެ.

ރޭގެ ލައިވްގައި އެހީގެ ގޮތުގައި 100،660ރ އާއި 380 ޑޮލަރު ލިބިފައިވާއިރު، ލައިވް ފަށާފައިވަނީ 11:00 ޖެހި ފަހުންނެވެ. އަދި އެއްގަޑިއިރުތެރޭ ލައްކައަށްވުރެ ގިނަ ފައިސާ ވަނީ ލިބިފައެވެ.

ސަމާ ލައިވްގައި ބުނީ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ނޭނގިފައި ވަރަށް ގިނަ މީހުން އެބަތިބިކަމަށާއި، އޭނާގެ އެ ލައިވްގެ މައިގަނޑު ބޭނުމަކީ އެހީ ދޭން ބޭނުންވާ މީހުންނަށް އެ މަގުފަހިކޮށްދިނުން ކަމަށެވެ.

ފެށީ 11:05 ގައި، 12:05 އަށް އިވެންޓު ކުރިޔަށް ގެންދިޔައީ އެކަމަކު އޭގެ ފަހުންވެސް މީހުން ބައެއް ފަހަރު ތަންކޮޅެއް ލަހުންވެސް ފޮނުވާ މީހުން ތިބޭނެތާ ދޯ. އެހެންވެގެން ސަމާމެންގެ ފަރާތުން އައިއޭސީއަށް ޓްރާންސްފާކުރީ 12:35 ގައި. އެއީ ބައިގަޑިއިރު މަޑުކޮށްގެން ތިބީ އެ އެމައުންޓް އެއްކޮށް ފޮނުވަލަންވެގެން،
ސަމާ

ތިރީސް އަށްހާހަށް ވުރެ ގިނަ ފޮލޯވަރުން ތިބި ސަމާގެ ޓިކްޓޮކް އެކައުންޓުން ފައިސާ އެއްކުރުމަށް ހިންގާ ހަރަކާތްތަކަށް ގިނަބައެއްގެ އިތުބާރާއި ތަރުހީބު ލިބެއެވެ. ފައިސާ ލިބެމުންދާގޮތް ވަގުތުން ދެއްކުމާއެކު، އެއްކުރާ ފައިސާ ހަމަ އެ ވަގުތު ހައްގުވެރިފަރާތާ ހަވާލުކޮށް ރައްދުވިކަމުގެ ޔަގީންކަން ހޯދާދެއެވެ. މި އިތުބާރު ދަމަހައްޓާތީ ގިނަ ބައެއްގެ ބައިވެރިވުން ވެސް ސަމާގެ މި ހަރަކާތްތަކަށް އަންނަނީ ލިބެމުންނެވެ.

ސަމާ އަންނަނީ އެކި ކަހަލަ ބޭނުންތަކަށް ޖެހިފައިވާ ފަރާތްތަކަށް މިފަދަ ލައިވް ތަކުގައި ރުފިޔާގެ އެހީތެރިކަން ހޯދައިދެމުންނެވެ. ސަމާގެ "ހިތުން ހިތަށް" އެކައުންޓަކީ މިކަމަށް ހާއްސަ އެކައުންޓެކެވެ.