ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، މި މަހުން ފެށިގެން މަޖިލީހުގެ ދައުރު ނިމެންދެން އެ މަނިކުފާނު މުސާރަ އުނިކޮށްދިނުމަށް އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އެޑްރެސްކޮށް ރައީސް ނަޝީދު ފޮނުއްވި ސިޓީއެއްގައި ވަނީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުމަށް އެ މަނިކުފާނު ހުންނެވީ ގާނާގައި ކަމަށެވެ. ނަމަވެސް މިއިން ކޮންމެ ކަމެއްގައިވެސް ރަސްމީކޮށް ކަންކަން ހިންގުމަށް ވަރަށް ވަގުތު ނަގާކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރަސްމީކޮށް، އެ މަސައްކަތް އެ މަނިކުފާނާ ހަވާލުކުރުމަށް ހަމަޖައްސަންޖެހޭ އެތައް ކަމެއްކޮށް މިދިޔަ މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމެންޓުން ސީވީއެފް ސެކްރެޓްރިއޭޓްއާ ބެހޭ ގަރާރު ފާސްކޮށްފައިވާކަމަށެވެ. އެހެންވެ، އެކަމާ ގުޅުން ހުރި ހުރިހާ ކަމެއް ވަރަށް އަވަހަށް ހަމަޖެހޭނެކަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ރައީސްކަންވެސް ކުރައްވާފައިވާ ނަޝީދު މިދައުރުގެ ބާކީ އޮތް ދުވަސްތަކަށް މުސާރަ ނުނެގުމަށް ނިންމާފައިވާއިރު މިއަހަރު ޖަނުއަރީމަހު އެމަނިކުފާނު ވަނީ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރައްވާފައެވެ.