އިސްލާމިކް ޔުނިވާސީޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި މަސައްކަތް ކުރައްވާ ޕްރޮފެސަރެއް ކަމަށްވާ ޑރ. ކުރްދީގެ އާއިލާ ފަލަސްތީނުން މިސްރަށް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ބުނެފިއެވެ.

އައިއޭސީން ބުނީ، ފަލަސްތީންގައި ތިބި ޑރ. ކުރްދީގެ އާއިލާ މިސްރަށް ނެރުމަށް މަސައްކަތް ކުރަމުން އަންނަ އިރު އެކަމަށް ދާނެ ހަރަދަކީ އެ ކެމްޕޭނުން ކުރަން ނިންމާފައިވާ ހަރަދެއް ކަމަށެވެ. އަދި އެކަން ވާނީ މި މަހުގެ 24 ވަނަ ދުވަހު ޑރ. ކުރްދީއާއެކު ބޭއްވި ބައްދަލުވުުގައި އޭނާއަށް އަންގާފައި ކަމަށް ވެސް އައިއޭސީން ބުނެއެވެ.

ގާޒާ ތެރޭގައި ތިބި އޭނާގެ އާއިލާއަށް ކާބޯތަކެތީގެ އެހީވެސް ވާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފޯރުކޮށް ދީފައި ކަމަށް ވެސް އައިއޭސީން ބުނެއެވެ. މީގެ އިތުރުން ވެސް މިދިޔަ އޮކްޓޯބަރު 7 ގެ ފަހުން, ޖެނުއަރީ މަހުގައި ދިވެއްސަކަށް ނިސްބަތްވާ އާއިލާއެއްގެ 7 މެމްބަރުން ވެސް ވަނީ އައިއޭސީގެ ހަރަދުގައި މިސްރަށް ގެންގޮސްފައި ކަމަށް ވެސް އައިއޭސީން ބުނެއެވެ.

މިފަދަ މައުލޫމާތުތައް ވަގުތުން ވަގުތަށް އާންމު ނުކުރާ ސަބަބަކީ, ބައެއް މައުލޫމާތުތަކަކީ ވަރަށް ބޮޑަށް ޒާތީ ދިރިއުޅުމާއި, އިއްޒަތާއި ކަރާމާތާ ގުޅުން ހުރި ކަންކަން ކަމަށް އައިއޭސީން ބުނެއެވެ. ގާޒާއަށް އެހީވުމުގައި ހުރިހާ ލޮބުވެތި ރައްޔިތުން ދެމުންދާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އެ ކެމްޕޭނުން ބުނެއެވެ.

ހަނގުރާމަ ފެށި ފަހުން ހަ މަސް ވާން ގާތްވެފައިވީ ނަމަވެސް އިޒްރޭލުން ދަނީ ހަމަލާތައް ހުއްޓާލުމަށް ދެކޮޅު ހަދަމުންނެވެ. މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 30،000 ފަހަނައަޅާ ގޮސްފައި ވާއިރު ޒަހަމް ކޮށްލި މީހުންގެ އަދަދު ވަނީ 72،000 އަށްވުރެ މަތިވެފެއެވެ. ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.