ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ގާޒާގެ ދެއިރް ބަލަހްގައި ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދޭން ފަށައިފިއެވެ.

އައިއޭސީ އިން ބުނީ އެކި ސަރަހައްދުތަކުން ގެދޮރު ގެއްލުމުގެ ސަބަބުން ހިޖުރަކޮށްފައިވާ އެތަށް ބަޔަކު ދިރިއުޅޭ ތޮއް ޖެހިފައިވާ ދެއިރް ބަލަހް އަކީ ފެނުގެ ދަތިކަން ވަރަށް ބޮޑަށް ތަހައްމަލު ކުރަމުންދާ ހިސާބެއްކަމަށާއި، މީގެ ތެރެއިން ބައެއް މީހުންނަކީ އެކި ތަންތަނުން 9 ފަހަރަށްވުރެ ގިނަ ފަހަރު ހިޖުރަކޮށްފަ ތިބި މީހުން ކަމަށެވެ.

އައިއޭސީ އިން ބުނީ މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު 12 ހާސް ލީޓަރުގެ ފެން މި ސަރަހައްދުގައި ފޯރުކޮށްދެމުން ދާކަމަށެވެ.

އައިއޭސީ އިން ދެއިރް ބަލަހުގައި ބޯފެން ފޯރުކޮށްދެނީ --

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ދާދި ފަހަކުން ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި އަރަބި މާއްދާ ކިޔަވައި ދެއްވާ ޕްރޮފެސަރު ޑރ. ހަސަން އަލް ކޯދީގެ އާއިލާ ގާޒާ އިން ނެރެ ދިވެހިރާއްޖެ އަށްވެސް ގެނެސްފައެވެ. އައިއޭސީ އިން ވަނީ މީގެ ކުރިން 18 މާޗުގައި ޑރ. ކުރުދީގެ އާއިލާއަށް ކާބޯތަކެތީގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.

ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ ދެކުނުގެ ސަރަހައްދަށް ކުއްލި ހަމަލާއެއް ދީ 1،139 މީހުން މަރާލިފަހުން އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 40 ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 80 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ގާޒާގެ ރައްޔިތުންނަށް އިޒްރޭލުން ޖައްސަމުންދާ އަހުވަ އަކީ މި ގަރުނުގައި ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހާ ހިންގާ އެންމެ ބޮޑު ލާއިންސާނީ އަނިޔާއެވެ. ކާބޯތަކެެއްޗާއި ބޯފެނާއި، ބޭސް ގާޒާއަށް ލިބުން ހުއްޓުވައި އެތައް މިނިލިއަން ބަޔަކު ބަނޑަށް ޖައްސާފައިވާއިރު، ޔަތީމް ހާލުގައި ތިބި 17،000 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ މަގުމަތި ވެފައެވެ.