އިމިގްރޭޝަންގެ ރެކްރިއޭޝަން ކްލަބް، ކްލަބް އިމިގްރޭޝަންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ އެ ފައިސާއަކީ އެ ކްލަބުން ކުރިއަށްގެންދިޔަ ފަންޑް ރައިޒިން ހަރަކާތުގެ ތެރެއިން އެއްކޮށްފައިވާ ފައިސާ ކަމަށާއި އެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ފޮނުވުމަށްޓަކައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ފައިސާ އައިއޭސީއާ ހަވާލުކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދެވެ.

އައިއޭސީ މެދުވެރިކޮށް އެކި ކުންފުނިތަކާއި އޮފީސްތަކާއި ޖަމިއްޔާތަކުންވެސް ފަލަސްތީނަށް އެހީވަމުންދާއިރު ދިވެހިންގެ އެހީގައި ފަލަސްތީންގެ މީހުން ރާއްޖެވެސް ވަނީ ގެނެސްފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށީގެން އިޒުރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 37 ހާސް މީހުންނަށް ވުރެ ގިނަ މީހުން މަރުވެ، 84 ހާސް މީހުން ވަނީ ޒަހަމްވެފައެވެ.

އިޒުރޭލުގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަން ހުއްޓާލަން ގައުމުތަކުން ގޮވާލަމުންދާއިރު އިޒުރޭލުގެ ޕާސްޕޯޓްގައި ގައުމުތަކަށް އެތެރެވުންވެސް ބައެއް ގައުމުތަކުން ވަނީ މަނާކޮށްފައެވެ.އިޒްރޭލު ޕާސްޕޯޓް މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އަލްޖީރިއާ، ބަންގްލަދޭޝް، ބްރޫނާއީ، އީރާން، އިރާގު، ކުވައިތު، ލުބުނާން، ލީބިޔާ، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ސީރިއާ، އަދި ޔަމަން ހިމެނޭއިރު އެ މަސައްކަތް ރާއްޖެއިން ވެސް ވަނީ ފަށާފައެވެ.