ގާޒާގައި ދިވެހިންގެ އެހީގައި ބޮޑު ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.
ރާއްޖޭގެ ޖަމްޢިއްޔާއެއް ކަމުގައިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީން ބުނީ މިއީ މިހާތަނަށް ގާޒާގައި ބޭއްވުނު އެންމެ ބޮޑު ރޯދަ ވީއްލުންކަމަށެވެ. އަދި މި ރޯދަވީއްލިމުގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަން އައިއޭސީން ވަނީ ފާހަގަކޮށްފައެވެ.
އައިއޭސީން މި ރޯދަ ވީއްލުން ބާއްވާފައިވަނީ އިއްޔެއެވެ. އަދި މިއަދުވެސް މި ރޯދަ ވީއްލުން ކުރިއަށް ގެންދާނެ ކަމަށް އައިއޭސީން ވަނީ ބުނެފައެވެ.
މި ރަމަޟާން މަހާ ދިމާކޮށް ގާޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓާލަން އިޒްރޭލުން ވަނީ ނިންމާފައެވެ. މި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ އިޒްރޭލުގެ މި ނިންމުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިތުރުން އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ބުނެފައެވެ.
މި ވަގުތު ފަލަސްތީންގެ ރައްޔިތުން ވަނީ އެހީއަށް ވަރަށް ބޮޑަށް ބޭނުން ވެފައެވެ. އެކަމަށް ރިއާޔަތް ކޮށް ދިވެހި ސަރުކާރުން ވަނީ މި މައްސަލައަށް ސުލްހަވެރި އަދި ދާއިމީ ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅާ ފަލަސްތީނު މިނިވަން މުސްތަގިއްލު ދައުލަތަކަށް ހަދައިގެން ކަމަށް ބުނެފައެވެ.
އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ހަމަލާތައް ފެށިފަހުން މިހާތަނަށް 61،700 މީހަކު އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި މިހާރު ކުރިއަށް ދާ ސުލްހައިގެ މުއާހަދާގެ މަރުހަލާތަކުގައި ގާޒާގެ ރައްޔިތުން އެކި ސަރަހައްދުތަކަށް ދާން ފަށާފައި ވުމާއެކު ފާހަގަ ވީ، ހަމަލާތަކުގައި ގެއްލިފައިވާ ކަމަށް ރިޕޯޓް ކުރި 12،000 މީހުން ވީ މަރުވެފައި ކަމަށެވެ.
ކީއްވެ ޓާކީގެ ހެދުން ލައިގެން ވެއިޓަރ އެހެރީ؟