ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި އަރަބި މާއްދާ ކިޔަވައި ދެއްވާ ޕްރޮފެސަރު ޑރ. ހަސަން އަލް ކޯދީގެ އާއިލާ ގާޒާ އިން ނެރެ ދިވެހިރާއްޖެ އަށް ގެނެސްފިއެވެ.
ގާޒާގެ ރަފަހުގައި ދިރިއުޅެމުން އައި އެ އާއިލާ އެތަނުން ނެރެ ރާއްޖެ ގެނައުމަށް ހަސަން އަލް ކުރުދީއަށް ރުފިޔާ ހަދިޔާކޮށްފައި ވަނީ ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިންނެވެ.
ހަނގުރާމައިގެ ތެރެއިން ނުކުތުމަށް އާއިލާގެ ފަރާތުން އެހީތެރިކަމަށް އެދުނީ ޑރ. ކުރުދީގެ އަންހެން ދަރިފުޅު މިންނާ އަލް ކުރުދީ އެވެ. އޭނާ ވަނީ ފައިސާ އެއްކުރަން އެހީވެދޭ 'ގޯ ފަންޑް މީ'ގައި އެކަމަށް ޕޭޖެއް ހުޅުވައިފަ އެވެ. އަދި އޭގެ ފަހުން ހަސަން އަލް ކުރުދީ ވަނީ އައިއޭސީގެ އެހީތެރިކަމަށްވެސް އެދިފައެވެ. އެކަމާ ގުޅިގެން އޭނާ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ޖަމިއްޔާއިން ވަނީ މީގެ ކުރިން ބުނެފައެވެ.
ހަސަން އަލް ކުރުދީގެ އާއިލާ ރަފަހުގައި ހުރި ކޭމްޕެއްގައި ދިރިއުޅެމުން ދިޔަ ނަމަވެސް އެ ތަނަކީ ރައްކާތެރި މާހައުލަކަށް ނުވާތީ އެ އާއިލާ ވަނީ މިސްރުގެ ގާހިރާއަށް ގޮސްފައެވެ. މިސްރުގެ ގާހިރާއަށް މި އާއިލާއަށް ދެވުނީ ރަހަފް ބޯޑަރު ބަންދުކުރުމުގެ އެއް ދުވަސް ކުރިންނެވެ.
އައިއޭސީ އިން ވަނީ މީގެ ކުރިން 18 މާޗުގައި ޑރ. ކުރުދީގެ އާއިލާއަށް ކާބޯތަކެތީގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ. ހަސަން އަލް ކުރުދީގެ އަންބަކާއި 4 ކުދިން ތިބޭއިރު ހުސްވި އަހަރުގެ އޮކްޓޯބަރު މަހު ފެށި އެ ހަނގުރާމައިގައި އެ އާއިލާ ވަނީ އެތައް ފަހަރަކު މަރާ ހަނގުރާމަކޮށްފައެވެ.
މީގެ ކުރިންވެސް އެ އާއިލާ ރާއްޖެ އައިސްފައިވާއިރު އެ އާއިލާ މިހާރު ބޭނުންވަނީ ރާއްޖޭގައި އުޅުމަށެވެ. ހަސަން އަލް ކުރުދީ ވަނީ ރާއްޖޭގައި 8 އަހަރުވަންދެން ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.