ބަނގުރަލާ އަދި އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީތަކުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުވާ ގޮތަށް ގަވާއިދު އިސްލާކޮށް، އެ އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ގެނައި އެ އިސްލާހަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާކަން ހާމަކޮށް މިއަދު ކަސްޓަމްސް އިން ބުނީ އެ އިދާރާގެ ކޮންޓްރޯލްގެ ދަށުން އެއް ތަނުން އަނެއް ތަނަށް ގެންދާ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު ބެލެހެއްޓުމުގެ އުސޫލެއް 2018 ވަނަ އަހަރު އެކުލަވާލާ، އެ އަށް އަމަލުކުރަން ފަށާފައިވާކަމަށެވެ. އަދި އެ އުސޫލަށް ފުރަތަމަ އަމަލު ކުރަން ފެށި އިރު، ޓްރެކިން ޑިވައިސް ހަރުކޮށް މޮނިޓާ ކުރަމުން ގެންދަނީ ރަސްމީ ބަނދަރު ފިޔަވައި އެހެން ތަންތަނަށް ދިއުމަށް ހުއްދަ ދޭ އުޅަނދު ފަހަރުތަކާ އަދި ކަސްޓަމްސް އިން ދޫކުރާ ބަނގުރަލާ އޫރުމަސް ގެންދަން ޖެހޭ ތަންތަނަށް ގެންދިއުމަށްޓަކައި އެ ތަކެތި އުފުލާ އުޅަނދުފަހަރުތައް އެކަނި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އާ އިސްލާހުގެ ދަށުން އިތުރު އުޅަނދުތަކެއް ވެސް ޓްރެކިން ޑިވައިސް ހަރުކުރަން ޖެހޭކަން ފާހަގަކޮށް ކަސްޓަމްސް އިން ބުނީ ބަނގުރަލާ އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީތަކާ، ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމަށް ހުއްދަ ދޭ އުޅަނދުތަކުގައި ޓްރެކިން ޑިވައިސް ހަރުކުރަން ޖެހޭކަމަށެވެ. އަދި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ތަކެތި ހިފައިގެންދާ ލޯކަލް އުޅަނދު ފަހަރުގައިވެސް މި ޑިވައިސް ހަރުކުރަން ޖެހޭކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނީ، ޑިވައިސް ހަރުކުރަން މަޖުބޫރުވާ އުޅަނދުތަކުގެ ހަރަކާތްތައް އެ އިދާރާ އިން މޮނިޓަ ކުރަމުން ގެންދާނެކަމަށާ އަދި އުސޫލާ ހިލާފުވާ އުޅަނދުތަކަށް ހިދުމަތް ދިނުން ހުއްޓާލާ ފިޔަވަޅު އަޅާނެކަމަށެވެ.