ކަނޑައެޅިފައިވާ އުސާލާ ހިލާފަށް ސަފާރީ އުޅަނދުތަކުން މީހުން ދިރިއުޅޭ އެކި ރަށްރަށަށް ބަނގުރާ ބާލާ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ސަފާރީތަކުން ކަސްޓަމްސްގެ ގުދަނުން ބަނގުރާ ނަގައިގެން ކަނޑައެޅިފައިވާ އުސާލާ ހިލާފަށް އޭގެ ވިޔަފާރި ކުރަމުންދާ ކަމަށެވެ.

އެގޮތުން އިހުސާން ވިދާޅުވީ، ބޭރުގެ އެކި ނަންނަމުގައި ގެނެސްފައިވާ ސަފާރީ އުޅަނދުތަކުގައި ފަތުރުވެރިއަކު ނެތް ނަމަވެސް ގަވާއިދުން ރާ އަރުވާ އެތަކެތި ވިއްކަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކުލަވާލާފައިވާ އުސޫލުގެ ބޭރުން އެފަދަ އަމަލުތައް ހިންގާ ސަފާރީތަކަށް މީގެ ފަހުން ބަނގުރާ ދޫ ނުކުރާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެއީ ބަލައިގަނެވޭނެ ފަދަ އަމަލެއް ނޫންކަން ފާހަގަ ކުރައްވާ އިހުސާން އިތުރަށް ވިދާޅުވީ މިހާރުން މިހާރަށް އެފަދަ އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިހުސާން ވިދާޅުވެފައި ވެއެވެ.

އެކަމާ ގުޅިގެން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް، ފާތިމަތު ދިޔާނާ ވިދާޅުވީ ބަނގުރާގެ ބާވަތްތައް ދޫކުރާ ސަފާރީތަކުގެ ތެރެއިން ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގައި ގަވާއިދާ ހިލާފުވެގެން 6 ސަފަރީއެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ސަފާރީތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ރާ ބާލާ ތުހުމަތުތަކަކީ މީގެ ކުރިންވެސް ފެންމަތިވެފައިވާ ތުހުމަތުތަކެކެވެ. އެގޮތުން ހުސްވި އަހަރުވެސް އއ. އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީއެއް ވަނީ އެ ރަށު ފަޅުން ބޭރު ކޮށްފައެވެ. ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ އުކުޅަހު ފަޅުން އެ ސަފާރީ ބޭރުކޮށްފައި ވަނީ އެ ސަފާރީން ރާ ވިއްކާ ކަމަށް ބުނެ އެ ރަށު އާންމު ރައްޔިތުން މުޒާހަރާ ކުރުމާ ގުޅިގެން ކޯޓު އަމުރެއް މެދުވެރިކޮށެވެ.

ގެސްޓް ހައުސް ވިޔަފާރި ހިންގަން ހުއްދަ ދިން ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމަކީ މަނާކަމެއް ނަމަވެސް މިއީ މިހާރަކަށް އައިސް އާންމު ކަމެއްކަން ފާހަގަ ކޮށްލެވެއެވެ. އެއާއެކު ގިނަ އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.