ކ. މާފުށީގައި ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް އެރަށު ތޮށިމައްޗަށް އުރިއްޖެއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާ އާއި ގުޅިގެން އެ ރަށުން މި ނޫހާ ވާހަކަ ދެއްކި މީހަކު ބުނީ، ރަށުގެ ބޭރުގައި އަޅާފައި އޮތް އެ ސަފާރީ ތޮށި މައްޗަށް އުރުނީ ވައިގަދަވެ ނަގިލި ކަނޑައިގެން ގޮސް ކަމަށެވެ.

އަދި އުރުނުތާ މާގިނައިރުތަކެއް ނުވެ ސަފާރީ އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް ފުނޑުފުނޑުވެފައިވާ ކަމަށް އެ މީހާ މައުލޫމާތު ދިނެވެ. އެ ހާދިސާ ހިނގި ވަގުތު އޭގައި މީހުން ތިބި ނަމަވެސް ހާދިސާ ހިނގުމުން އެ މީހުން ވަނީ މާފުއްޓަށް އަރާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެވަގުތު ސަފާރީގައި ތިބީ ހުސް ބިދޭސީންނެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ މާފުށީ ބޭރު ތޮށްޓަށް ސަފާރީއެއް އުރުނު ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މިއީ އާންމު ގޮތެއްގައި އެރަށު ބޭރުގައި އަޅައިގެން ފަތުރުވެރިންނަށް ހިދުމަތް ދެމުން އަންނަ ސަފާރީއެއް ކަމަށް މައުލޫމާތު ލިބެއެވެ.