އިޒްރޭލުން ބަނޑަށް ޖައްސާފައި ވާ ގާޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށް ދިނުމުގެ ބޭނުމުގައި އެމެރިކާ އާއި އުރުދުން އިން ވައިގެ މަގުން ގާޒާއަށް ވައްޓަމުން ގެންދާ ޕެލޭޓުތަކުގެ ސަބަބުން ގިނަ ބަޔަކު މަރުވަމުން ދާ ކަމަށް ބުނެފިއެވެ.

ގާޒާގެ ސިވިލް ޑިފެންސް އޮތޯރިޓީގެ ރަރުޖަމާން ބުނީ, އެގޮތަށް ވައިގެ މަގުން ވައްޓާލައި ބައެއް ޕެލޭޓްތަކުން ކާބޯތަކެތި ހޯދަން ނުވަތަ ނެގުމަށް އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ދުވެ އަދި ބައެއް ހާލަތްތަކުގައި އެންމެން އަރައިގަތުމުގެ ސަބަބަން ފައިދަށުގެ ފިތިގެންނާއި އެގޮތަށް ވައްޓާލައި ބައެއް ޕެލޭޓްތަކުގެ ދަށުވެ މީހުން މަރުވަމުން ދާ ކަމަށެވެ.

މިހާތަނަށް ޖުމްލަ 18 މީހަކު މަރުވެފައި ވާ އިރު އޮފިޝަލް ބުނީ, ވައިކުޑަ އަޅުވާފައި އެގޮތަށް ވައްޓާ ބައެއް ޕެލޭޓްތައް ވެއްޓެނީ ކަނޑަށް ނުވަތަ މޫދަށް ކަމަށާއި އަނެއްބައި ޕެލޭޓް އިޒްރޭލުން ކޮންޓްރޯލް ކުރާ ސަރަހައްދަށާއި އަނެއް ބައި ޕެލޭޓް ގޭގޭގެ ފުރާޅު މައްޗަށް ކަމަށެވެ. ހާމަތަންތަނަށް ވެއްޓޭ ޕެލޭޓްތަކުން ކާބޯތަކެތި ނެގުމަށް ގިނަ ބަޔަކު އެއްފަހަރާ އަރައިގަތުމަކީވެސް މީހުން މަރުވާން ދިމާވާ ސަބަބެއް ކަމަށް ބުނެފައި ވެއެވެ.

މި މައްސަލަތަކާ ގުޅިގެން ގާޒާ ސަރުކާރުން ބުނެފައި ވަނީ, ވައިގެ މަގުން ކާނާގެ ޕެލޭޓްތައް ވެއްޓުމަކީ އިންސާނީ އެހީ ފޯރުކޮށްދިނުން ނޫން ކަމަށާއި އެއީ ހިންގާ ޕްރޮޕެގެންޑާއެއް ކަމަށެވެ.

އެގޮތަށް ވައްޓާލައި ޕެކޭޖްތައް ހޯދުމަށް ކުދިބޮޑު އެތައް ބަޔަކު މޫދަށް އެތި ފަތާ ހަދަމުން ދާ އިރު, ފައިމަގުގައި އެތައް ރާސްތާއަކަށް ދަތުރުކުރަން ޖެހޭ މީހުންވެސް ގިނައެވެ. އަދި އެހީ ހޯދަން އެއްވާ މީހުންގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖަހާ މެރުމާއި ޑްރޯން ބޭނުން ކޮށްގެން މިސައިލް ހަމަލާ ދިނުން ފަދަ ނުރައްކާތެރި އެތައް ކަމެއް ކުރަމުން ދާ އިރު މިއީ ގާޒާގެ ރައްޔިތުން މެރުމުގެ ދެވަނަ އުކުޅު ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ.

ގާޒާގެ މުޅި އާބާދީ މިއަދު ވަނީ ބަނޑަށް ޖައްސާފައެވެ. ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ކާނާވެސް ގިނަ އަދަދެއްގެ ބަޔަކަށް ނުލިބޭ އިރު, އެއްގަމު މަގުން ކާބޯތަކެތި ފޯރުކޮށްދިނުމަށް އިޒްރޭލުން ވަނީ ހުރަސް އަޅާފައެވެ.

ގާޒާއަށް ބޭނުންވާ އިންސާނީ އެހީއާއި ކާބޯތަކެތި ބަރުކޮށްފައި ވާ ޓްރަކްތައް ރަފާ ދޮރާށި ދޮށުގައި އޮންނަތާ އެތައް މަހެއް ވެގެން ގޮސްފައި ވީ ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ ހުއްދަ ނުދޭނެ ކަމަށެވެ.