ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ މެއިލް ބޮކްސްތަކަށް ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ ނަސޯރާ ދީނުގެ ލިންކުތަކެއް ލިޔެފައި ހުރި ކާޑުތަކެއް އެޅި ބަޔަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާގައި މިއަދު ފެންމަތިވި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެ އަންހެނުން ކަމަށް ފުލުހުން ބުނެއެވެ. އެމީހުން ރާއްޖެ އައިސްފައިވަނީ ޓުއަރިސްޓު ވިސާގައެވެ.

މި ދެ އަންހެނުން ދައުރު ކުރަމުންދާ ކާޑުތަކުގައި ކްރިސްޓިއަނުން އަޅުކަން ކުރާ ޖީޖަސްއަށް ނިސްބަތްވާ ދިވެހި ބަހުން ތަރުޖަމާ ކޮށްފައިވާ ފިލްމުތަކެއްގެ ލިންކުގެ އިތުރުން ކްރިސްޓިއަން ދީނާ ގުޅޭ ވެބްސައިޓްތަކުގެ ލިންކުތައްވެސް އެކުލެވެއެވެ.

ހިޔާ ފްލެޓްގެ މެއިލްބޮސްތަކަށް އެޅި ނަސޯރާ ދީނުގެ ކާޑުތައް / ފޮޓޯ: އެމްވީ ކްރައިސިސް

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް، މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

ނަމަވެސް މި މީހުންގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ ތެރޭގައި އެހެން ދީންތައް ފެތުރުވުން ކަމަށް ބެލެވެއެވެ.