ޕީޖީ ޝަމީމަށް ދިން ހަމަލާ އަކީ އޭނާ މަރާލުމުގެ ގަސްތު އޮވެގެން ދިން ހަމަލާއެއް ކަމަށް ނިންމާ މައްސަލަ ބަލާ ތަހުގީގު ކުރަން ފަށައިފިއެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ޕްރޮސެކިއުޓަރުން ބައިވެރިވެގެން ތަހުގީގު ގެންދިޔުމުގެ މަރުހަލާކަމަށާއި، މައްސަލަ ބަލަމުން ދަނީ އެއީ ޝަމީމް މަރާލުމުގެ ގަސްތު އޮވެގެން ދިން މައްސަލައެއް ގޮތަށް ކަމަށެވެ.
ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ދިން ހަމަލާއެކެވެ. އެގޮތުން ހަމަލާ ދީފައިވަނީ ސައިކަލު ޕާކޮށްފައި ގެެއަށް ވަދެވަޑައިގަންނަވަނިކޮށް މަރުތޭލަކުންނެވެ. މި ހަމަލާ އަމާޒުވެފައިވަނީ ޝަމީމްގެ ވައަތުގެ މުލައްދަނޑިއަށެވެ. އަދި ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާ އެ އަތުގައި އޭޑީކޭ ހޮސްޕިޓަލުން ޕްލާސްޓަރު އަޅައި ވަނީ ފަރުވާވެސް ދީފައެވެ.
ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ޝަމީމްއަށް ހަމަލާދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ދެ މީހުން ކަމަށެވެ. އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރީ ހަމަލާދިން ދުވަހާ ޖެހިގެން އައި ދުވަހެވެ. މި މައްސަލައިގައި މިހާތަނަށް މިހާރު ވަނީ ހަތް މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެކެވެ. އަދި އެ މީހުން ތިބީ މޫނު ނުފެންނާނެ ހެން ހެދުމަށްޓަކައި ހެލްމެޓުވެސް އަޅައިގެން ކަމަށް މައުލޫމާތުލިބެއެވެ.