މި ސަރުކާރު ހަވާލުވިއިރު ސިއްހީ ދާއިރާގެ މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައިވާ މަޝްރޫއުތަކުގެ އަގު ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ކަމަށާއި، ދައުލަތުގެ ބަޖެޓުގައި މަޝްރޫއުތައް ހިންގުމަށް ހަވާލުކުރެވިފައިވާ އަދަދު ކުޑަ ކަމަށް، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ބައެއް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ސިއްހީ މަރުކަޒުތަކާއި ގިނަ ހޮސްޕިޓަލްތަކުގެ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށާއި، އޭގެ ތެރެއިން ކޮންޓްރެކްޓަރުންނާ ވާހަކަދެކެވި ބައެއް މަޝްރޫއުތައް އަލުން ފަށާފައިވާ ކަމަށެވެ. ނަމަވެސް ހުއްޓިފައިވާ މަޝްރޫއުތަކުގެ އަދަދާއި އަލުން ފެށުނު މަޝްރޫއުތަކުގެ ތަފްސީލެއް މިނިސްޓަރު ހާމައެއްނުކުރައްވައެވެ.

ހަލީލް ވިދާޅުވީ، މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނު އެއް ކަމަކީ އާދަޔާހިލާފަށް ގިނަ މަޝްރޫއުތަކެއް ހަވާލުކުރެވިފައި އޮތް އޮތުން ކަމަށާއި، މަޝްރޫއުތަކުގެ އަގު ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓުގެ ތެރެއިން ހެލްތު މިނިސްޓްރީން ހިންގާ މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 380 މިލިއަން ރުފިޔާއެވެ. އެއީ ހަވާލުކުރެވިފައިވާ މަޝްރޫއުތައް ހިންގުމަށް ކުޑަ އަދަދެއް ކަމަށާއި އެހެންކަމުން މަޝްރޫއުތަކަށް އެޑްވާންސަށް ފައިސާ ދައްކަން ދަތިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މަޝްރޫއުތައް ހުއްޓެން ދިމާވި އެއް ސަބަބަކީ ބޭރުގެ ފަންޑިންއަކުން މަޝްރޫއުތަކަށް ފަންޑުކުރާ ގޮތަށް އޮތް ނަމަވެސް، ފަންޑުކުރަން ހަަމަނުޖެހެނީސް ވަކި ގޮތަކަށް މަޝްރޫއުތައް ހަވާލުކުރުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އިތުރު ފަންޑިން ސޯސްތަކަށް ހުށަހަޅައިގެން ވެސް މަޝްރޫއުތައް ހިންގޭތޯ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.