ރަޝިއާގެ ކޮންވެންޝަން ސެންޓަރަކަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ދެގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަ ވެ, ވަރުގަދަ ހަމަލާތަކެއް ބަދަލު ކޮށްފިއެވެ.
އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔޫކްރައިން އިން ވަނީ ރަޝިއާގެ ޑޮނެސްކް ސަރަހައްދަށް 148 ޑްރޯން ހަމަލާ ފޮނުވާލާފައެވެ. މި ހުރިހާ ހަމަލާއެއް ރަޝިއާއިން ނާކާމިޔާބު ކޮށްލާފައި ވާ އިރު ރަޝިއާއިން ވަނީ އެގައުމުން 2014 ގައި ހިފި ކްރިމިއާ ސަރަހައްދުން ބެލެސްޓިކް މިސައިލްގެ 2 މިސައިލް ފޮނުވާލައި ޔޫކްރައިންގެ ވެރިރަށް ކީވް އަށް ހަމަލާ ދީފައެވެ.
މި 2 މިސައިލް ޔޫކްރައިނުން ވައްޓާލި ނަމަވެސް ގޮވައިގެން ދިޔަ މިސައިލްގެ ބައިތަށް 3 އަވަށަކަށް ވެއްޓި ގެއްލުންތައް ލިބިފައި ވާ އިރު 3 ބުރީގެ އިމާރާތަކަށް މިސައިލްގެ ބައެއް ވެއްޓި ލިބުނު ގެއްލުންތަކުގައި 12 މީހަކު ޒަހަމްވެފައި ވެއެވެ.
ރަޝިއާއިން ޔޫކްރައިން އަށް ހަމަލާ ދިނީ ބެލެސްޓިކް މިސައިލުން ކަމަށް އެގައުމުން ބުނި ނަމަވެސް ޔޫކްރައިންގައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރު ވިދާޅުވީ އެ 2 މިސައިލަކީ ޕެނަސޮނިކް 2 މިސައިލް ކަމަށެވެ. މި ހަމަލާގައި މިސައިލުން ދިފާއުވާ ޕެޓްރިއަޓް ސިސްޓަމްގެ 2 ސިސްޓަމަކަށް ވެސް ގެއްލުން ވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
ޔޫކްރައިން އިން ދޭ ރައްދު ހަމަލާތައްވެސް ވަރުގަދަ ކޮށްފައި ވާ އިރު ރަޝިއާ އިން ހިފި ހާސަން ސަރަހައްދަށް ދިން ހަމަލާއެއްގައި 4 އަހަރުގެ ކުއްޖަކު ޒަހަމްވެފައި ވެއެވެ. މީގެ އިތުރުން ދިވެހި ޑޮކްޓަރުން ކިޔަވަން ތިބޭ ކާކީވްގެ ޔޫކްރައިން ފަޅިއަށް ރަޝިއާއިން ދިން ހަމަލާއެއްގައި އެކަކު މަރުވެފައި ވެއެވެ.
ރަޝިއާ އާއި ޔޫކްރައިންގެ ހަނގުރާމަ އެއްފަހަރާ އެކި ސަރަހައްދުތަކުގައި ހިނގަމުން ދާ އިރު ދާދިފަހުން ރަޝިއާއިން ހިފި އަބްދީވްކާ ސަރަހައްދުގައި ބަދަލު ކުރި ހަމަލާތަކެއްގައި ޔޫކްރައިންގެ 120 ސިފައިން މަރާލެވިފައި ވާ ކަމަށް ރަޝިއާއިން ބުނެއެވެ.
އަދި ބެލްގޮރޮޑް އާއި އެހެން ސަރަހައްދުތަކުގައި ވެސް ހަމަލާ ބަދަލު ކުރަމުން ދާ އިރު އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ދާދި ފަހުން ރަޝިއާގެ ހަކަތައިގެ ނިޒާމަށް އަމާޒު ކޮށް ޔޫކްރައިން އިން ޑްރޯން ހަމަލާތަކާއެކު އެ ގައުމުން ތެޔޮ އުފައްދާ ވިއުގައިގެ 7 ޕަސެންޓް ހަލާކު ކޮށްލެވިފައި ވާ ކަމަށް ޔޫކްރައިންގެ އޮފިޝަލުން ވަނީ ބުނެފައެވެ.
ރަޝިއާގެ ކޮންވެންޝަން ސެންޓަރަށް ދިން ޓެރަރިސްޓް ހަމަލާ އާ ޔޫކްރައިން އާ ގުޅުވާ ރަޝިއާއިން ދޭ ހަމަލާތައް ވަރުގަދަ ކުރަން ތައްޔާރު ވަމުން ދާ އިރު, ބަދަލު ހިފާނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އެގައުމުން ބުނެފައި ވެއެވެ.