ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަލުން ވާދަކުރައްވަން ބޭނުންވެވަޑައިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އިލެކްޝަންސް ކޮމިޝަން (އީސީ) އާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވަނީ، ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވުމަށް ފަހު، ފަހުން އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ.

އޭނާ ނަން އަނބުރާ ގެންދެވީ އޭރު މަޖިލިސް އިންތިހާބު ރޯދަ މަހު ބާއްވާ ގޮތަށް އޮތުމުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަލުން އިންތިހާބުގައި ބައިވެރިވާން ބޭނުންވެވަޑައިގަތީ ފަހުން އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެހެންކަމުން އިންތިހާބީ ޝަކުވާގެ މައްސަލައެއްގެ ގޮތުގައި އަހްމަދު ރަޝީދު ހައިކޯޓަށް މައްސަލަ ހުށަހަޅާފައި ވާ އިރު، އެ މައްސަލަ ހައިކޯޓަށް ބަލައި ނުގަންނަން ނިންމައި ހައިކޯޓުގެ ރަޖިސްޓްރާ ސޮއި ކުރައްވާ އެ މައްސަލަ މިއަދު ވަނީ ހައިކޯޓުން ބޭރުކޮށްފައެވެ.