ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ދާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ އިން ވަކި ކުރުން މިއަދު ހަވީރު 16:15 ގައި އެމްޕީއެލް ޓަވަރު ސަރަހައްދުގައި ކުރިއަށް ދާނެ ކަމަށެވެ.

'ބިންވެރިޔާ ސްކީމް' ގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ގޯތީގެ އިން ވަކިކޮށް ބިން ހަވާލުކޮށްފައެއް ނުވާއިރު، އިން ވަކިކޮށް ހަވާލު ނުކޮށް ހުރި ހުޅުމާލޭގެ ބިންތަކަކީ މިހާރު ސިމެންތި އާއި ހިލަވެލި އަދި ކުނި ބުނި އަޅާފައިވާ ތަންތަނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ޕްލޮޓްތަކުގެ ތެރެއިން ހަވާލު ނުކުރެވި ހުރި ޕްލޮޓުތައް ސާފުކޮށް، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނައިރު، މި މަސައްކަތުގެ ތެރެއިން ބިން ހަވާލުކޮށްފައިވާ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު، ގުޅިފަޅުން 2،218 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ދޭން ވަނީ ނިންމާފައެވެ.

ބިންވެރިޔާ ސްކީމްގެ ގޯތިތަކާ ހަވާލު ނުވެ ތިބި މީހުން ގޯތިތަކާ ހަވާލުވުމަށް މި މަހުގެ 16 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ދީފައެވެ.