ބިންވެރިޔާ' ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބް މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ކުޑޫ ވަނީ ގުޅިފަޅަށް "ބަހެއް" ގެންގޮސްގެން ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތް ލަސްވެ، އަދިވެސް ފުރިހަމަ ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ސުވާލު ކުރައްވާފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގުޅިފަޅުން ގޯތި ދޫކޮށްފައިވާ 3,500 މީހުންގެ ތެރެއިން ކޮންމެ ދުވަހަކު އެޕޮއިންޓްމަންޓް ހަމަޖައްސައިގެން 4 ނުވަތަ 5 މީހުންނަށް ބިން ހަވާލުކުރުމަކީ އަވަހަށް ނިމޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، މި މަސައްކަތް އަވަސްކުރުމުގެ ގޮތުން ޑިޖިޓަލްކޮށް ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) އާއި މެޕް ހިމެނޭހެން ބިން ހަވާލުކުރުމުގެ އިންތިޒާމުތައް މިހާރު ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ޑިޖިޓަލީ ބިން ހަވާލުވުމަށްފަހު ފެރީ ނިޒާމުގެ ތެރެއިން ގުޅިފަޅަށް ގޮސް ގޯތި އޮތް ސަރަހައްދު ބަލައިލުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އެތަނުގައި ގަސް އިންދޭނެ ކަމަށާއި، ވަށާފާރު ރޭނުމުގެ ހުއްދަ އެޗްޑީސީ މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.

ގުޅިފަޅުގެ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ފަށަން ޖެހުނީ، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިން ދޫކޮށްފައިވާ ޕްލޮޓްތަކަށް ބަދަލު އައުމުންނެވެ. މި ބަދަލާއެކު ގޯތި ހަވާލުކުރުމުގެ ސްޕީޑް ލަސްވުމުގެ ޝަކުވާ އާންމުން ކުރަމުންދާތީ، ސަރުކާރުން މިހާރު ވަނީ މި ހަފްތާގެ ތެރޭގައި ހުރިހާ ގޯތިތަކެއް ހަވާލުކޮށް ނިންމުމަށް އަމާޒު ހިފާފައެވެ.

އައު ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގުޅިފަޅުގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގެ އިތުރުން، ތައުލީމީ، ސިއްހީ، އިންޑަސްޓްރިއަލް އަދި ފަތުރުވެރިކަމަށް ބޭނުންވާ ސަރަހައްދުތައް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ހިތްފަސޭހަ ޕާކުތަކާއި ކުޅިވަރު ކުޅޭނެ ސަރަހައްދުތައް ވެސް މި ޕްލޭންގައި ހިމަނާފައިވެއެވެ.