ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2017 ގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމައިފިއެވެ.

މި ތުހުމަތު އޮތް ހަތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ފެބްރުއަރީ 25، ގައެވެ. ޖެހިގެން އައި ދުވަހު، ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވާ ކަމަށާއި ގޮތެއް ނިންމޭނީ ފަހުން ކަމަށެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ހުކުމް އިއްވަވަމުން ވިދާޅުވީ ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދައުވާ އުފުލާފައިވާ މީހުން ކަން ކަށަވަރުކޮށްދޭނެ ނޫނީ އެ ކަމަށް ބާރު ދޭނެ އިތުރު ހެކި ނެތް ކަމަށެވެ. އަދި ސިއްރު ހެކިވެރިންގެ ހެކި ބަހުންނާއި، ހަބީރުންގެ ހެކިބަހުން ވެސް އެ ކަން ސާބިތު ނުވާ ކަމަށް ނަދީމް ވިދާޅުވިއެވެ.

ދައުވާ އުފުލި ބައެއް މީހުންގެ ކޯލް ޑީޓެއިލް ޗާޓުތަކެއް ހުށަހެޅި ނަމަވެސް އެއީ ފުލުހުން ތައްޔާރުކޮށްފައިވާ ކަރުދާހަކަށް ވާތީ އެއީ ވެސް ބުރަދަން ދެވޭނެ ހެއްކެއް ގޮތުގައި ޝަރީއަތުން ބަލައިގެންފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހަތް މީހަކަށާއި ކުޑަކުއްޖަކަށެވެ. ދައުވާ ކޮށްފައިވާ 7 މީހުންނަކީ ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ. ފޭދޫ/ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާންގެ އިތުރުން ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ސާޒްއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި މަާލުމުގެ ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ ޖުވެނަލް ކޯޓުގައެވެ. ދަށު ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމި ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހައި ކޯޓުން މި މައްސަލަ ބެލުމަށް ފަހު ވަނީ އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް މީނާގެ އަދަބު ވަނީ މިދިޔަ ރިޔާސީ ކެމްޕެއިންގެ ތެރޭގައި 10 އަހަރަށް ލުއިކޮށްދީފައެވެ.