ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ މައްސަލަތައް ތަހްގީގުކުރުމުގައާއި ދައުވާކުރުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދުގެ ނަމުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އިރުޝާދެއް މިއަދު ނެރެފިއެވެ.

ކުށް ކުރުމުގައި ކުޑަކުދިން ބޭނުންކުރުން އިތުރުވެފައިވާއިރު، މި އިރުޝާދަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރެއިން ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހްގީގުތައް ބަލައި އެކަންކަން ހިނގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް އޮތް މަސްއޫލިއްޔަތުގެ ދަށުން ނެރެފައިވާ އިރުޝާދެކެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގައި، ތަފާތު އެކިއެކި ކުށް ކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް، ނުވަތަ އެނޫން ގޮތަކަށްވެސް ބޭނުންކުރުމަކީ، އޭގެ ޒާތުގައި ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ. ޕީޖީ އިން ބުނީ މިއަދު ނެރުނު އިރުޝާދާއެކު، މިބާވަތުގެ ކުށްތަކަކީ، އެކުށްތައް ތަހްގީގުކުރުމާ ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރި ބާވަތެއްގެ ކުށްތައްކަށްވާއިރު މިކަމުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކުން އެއްގޮތަކަށް އަމަލުކުރާކަން ކަށަވަރުކުރެވިގެން ދާނެކަމަށެވެ.

ޕީޖީ އިން ބުނީ މިއިރުޝާދުގެ ސަބަބުން، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމްކޮށްގެންނާ ރެކްރޫޓުކޮށްގެން އެކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިބާވަތުގެ މައްސަލަތަކުގައި ފުލުހުން ތަހްގީގުގައި ބަލާނެކަންކަމާއި ދައުވާކުރުމުގައި ގެންގުޅޭ އުސޫލުތައް، މިދާއިރާގައި މަސައްކަތްކުރާ ހުރިހާ އިދާރާތަކަށް ސާފުވެފައި އޮންނާނެކަމަށެވެ.