ރަސޫލާ އީދު ނަމާދުކުރެއްވީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ކަމުން އީދު ނަމާދު ކުރާ ގަޑި 7 ޖަހާއިރަށް އަވަސް ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އީދު ނަމާދު ކުރަމުން އައީ 07:30 ގައި ނަމަވެސް މި އަހަރުން ފެށިގެން އީދު ނަމާދު ކުރާ ގަޑި 07:00 އަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މިފަދައިން ނިންމާފައިވާނީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާ، ދީނީ އިލްމުވެރިންނާ އަދި އިސްލާމިކް މިނިސްޓްރީ ގާއިމުކުރެވިފައިވާ ފަލަކީ ހިސާބު ތަކާ ބެހޭ ކޮމިޓީއާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

މި އަހަރުގެ މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ދުވަސްވަރަށް ވެފައި، އީދު ނަމާދު ކުރަނީ މައިދާންތަކާއި ހުސްބިންތަކުގަ ކަމަށްވުމުގެ އިތުރުން ކޮންމެ އަހަރެއްގެވެސް އީދު ނަމާދުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބައިވެރިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވާ ތަކުލީފުތަކުން ސަލާމަތްވުމަށްޓަކައި ރަސޫލާގެ ސުންނަތުން ސާބިތުވާ ފަދައިން އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރަސޫލާ އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނު ކަން ގަދަ ވުމުގެ ކުރިން ޟުހާ ވަގުތުގައިކަން ފެންނަން އޮތުމާއެކު، އާންމު މަސްލަހަތައް ރިއާޔަތްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.