އެމްއެންބީސީން ޓީވީއެމް ހިންގި އިރު ބިޒްނަސް އިމޭޖް ގްރޫޕު (ބިގް) އިން ކުރި މަސައްކަތަކަށް ދޭންޖެހޭ ފައިސާގެ މުއާމަލާތެއްގައި ބަދަލު ނަގައިދީ 78 މިލިއަން ދޭން ނިމިދިޔަ ސަރުކާރުގައި ކުރި ހުކުމެއް މުރާޖައާކޮށް އަލުން ބަލަން ހައިކޯޓުން އަމުރު ކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް ލިބޭހާ އާމްދަނީއެއްގެ 15 އިންސައްތަ, މާކެޓިން ކުންފުނި, ބިގް އަށް ލިބޭގޮތަށް ދައުލަތުގެ މީޑިއާ ކުރިން ހިންގި އެމްއެންބީސީ އިން ހެދި އެއްބަސްވުމުގެ ޖޫރިމަނާ ކަމަށް ކަނޑައެޅި 78 މިލިއަންގެ ތެރެއިން 30 މިލިއަން ޕީއެސްއެމުން ބިގަށް މީގެ ކުރިން ވަނީ ދީފިއެވެ.
އެމްއެންބީސީން ދައުލަތުގެ މީޑިއާ ހިންގި އިރު ބިގް ކުންފުންޏާއެކު ހަދާފައިވާ އެއްބަސް ވުމަކީ ދައުލަތުގެ މީޑިއާ ހިންގާ ކުންފުންޏަށް ލިބޭހާ އާމްދަނީއެއްގެ 15 އިންސައްތަ ބިގް ކުންފުންޏަށް ދޭން ޖެހޭ ގޮތަށް އޭރުގެ ދައުލަތުގެ މީޑިއާގެ މާކެޓިން މަސައްކަތްތަކަށް އަގުކޮށް ހަދާފައިވާ 5 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ.
ދައުލަތުގެ މީޑިއާ މިއަދު ހިންގާ ކުންފުނިން އެފައިސާ ބިގް އަށް ދިނީ އޭރު ކުރެވިފައި އޮތް އެގްރީމެންޓާ އެއްގޮތަށް. ކަންކަން ނުދިޔަ ކަމަށް ބަލާ ކޯޓަށް މައްސަލަ ހުށަހެޅުމުން ޖޫރިމަނާއާއި އެއްކޮށް ޖުމްލަ 78 މިލިއަން އެމްއެންބީސީއިން ބިގް ކުންފުންޏަށް ދައްކަން ޖެހޭ ކަމަށް 2016 ވަނަ އަހަރު ދަށު ކޯޓުން ކޮށްފައި އޮތް ހުކުމަކަށް ބަލައިގެންނެވެ.
އެމްއެންބީސީން ދައުލަތުގެ މީޑިއާ ހިންގަނިކޮށް ސަރުކާރު ބަދަލުވެ، ދައުލަތުގެ މީޑިއާ ހިންގަން ފަހުން ހަވާލުވި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން އެ އެގްރީމެންޓް ބެލުމަށް ފަހު ނިންމި ކަމަށް އެނގިފައިވަނީ އެންބީސީގެ ގާނޫނާ ފުށޫއަރާތީ، ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބޭގޮތަށް އޮތް އެގްރީމެންޓް ބަލައި ނުގަތުމަށެވެ.
ނަމަވެސް ދައުލަތުގެ މީޑިއާ މިއަދު ހިންގާ ކުންފުނިން އެފައިސާ ބިގް ކުންފުންޏަށް ދޭން ނިންމި ގާނޫނީ ލަފާ ދެއްވީ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަކަށް ހުންނެވި މިހާރުގެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ލަފާގެ މަތިން ކަމަށް ނިމިދިޔަ ސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއެވެ.
އުސާމް ވިދާޅުވީ, އޭރު އޭޖީ ބޭނުންނަމަ އެލަފާ ބަދަލު ކުރެވުނީސް ކަމަށާއި ނަމަވެސް އެ ލަފާ ރަނގަޅުކަމަށް އޭރުގެ އޭޖީ ގަބޫލުކުރެއްވި ކަމަށެވެ.
2010 ގައި ހެދި އެ އެއްބަސްވުމުގެ މައްސަލަ ކޯޓުން ނިންމާ 2016 ގައި އެ ހުކުމް ކުރުމުން ފައިސާ ދޭން ފަށާފައި ވަނިކޮށް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ކުރި ހުކުމްގައި ވަނީ އެ މައްސަލަ ސިވިލް ކޯޓުން ނިންމީ އެމްއެންބީސީގެ މައްޗަށް ކަމަށް ވިޔަސް، އެ ކުންފުނީގެ މުދަލާއި ދަރަނި މިހާރުގެ ޕީއެސްއެމަށް މިހާރު ބަދަލުވެފައިވާ ގޮތަށް ބަލާއިރު، އެ މައްސަލާގައި ޕީއެސްއެމްގެ މަސްލަހަތު ހިމެނޭތީ އެ ކުންފުނި ހިމަނައިގެން މައްސަލަ އަލުން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. ނަމަވެސް ފައިސާ ދައްކަން ޖެހޭ އަދަދާއި އެއްބަސްވުމާ ގުޅޭ އެހެން ކަންކަމާ މެދު މިވަގުތު ހައި ކޯޓުން ގޮތެއް ނުނިންމޭނެ ކަމަށް އެ ހުކުމުގައި ވެއެވެ.
ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު މި މައްސަލައިގައި އެއްގޮތް ވި ނަމަވެސް ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ އެ ދަރަންޏަކީ ޕީއެސްއެމް އިން ޒިންމާވާން ޖެހޭ ދަރަންޏެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާގެ ރައުޔުގައި ވަނީ އެމްއެންބީސީ އުވާލުމަށް ފަހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގާނޫނެއްގެ ދަށުން އުފެދުނުއިރު، ބިގްގެ އެއްބަސްވުން އެމްބީސީގެ ދަށަށް ބަދަލު ކޮށްފައި ނެތުމެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ހިއްސާ އޮތް އެކުންފުންޏަކީ އޭނާއާއި ގާތް ބައެއް ފަރާތްތަކާއި, ކުރިން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީއަކަށް ހުންނެވި އޭނާގެ ބޭބެ ހަސަން އިސްމާއީލްގެ ހިއްސާ އޮތް ކުންފުންޏެވެ.