އޭޕްރީލް 21 ގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕީޕީއެމް/ޕީއެންސީ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިނުގައި ރައީސް މިއަދު ގަލޮޅަށް ވަޑައިގެންފިއެވެ.

ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތި ލައްވާ ސަރުކާރުގެ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު (އިބުޓީ)ގެ ކެމްޕެއިނަށް ރައީސް މިއަދު ގަލޮޅަށް ވަޑައިގެންފައި ވަނީ މެންދުރު 02:00 ގައެވެ. އިބުޓީ އަކީ މިހާރުވެސް އެ ދާއިރާގެ ކައުންސިލް މެމްބަރެވެ.

މި ކެމްޕެއިން ހަރަކާތުގައި ރައީސް ވަނީ މި ދާއިރާގެ ބައެއް ގެތަކަށް ވަޑައިގެންފައެވެ. އަދި މާލެ ހިޔާ ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކާއި ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ހަރަކާތްތައް ރައީސް ޑރ. މުއިއްޒު އިއްޔެ ފައްޓަވާދެއްވާފައިވާއިރު، މި ކެމްޕެއިން ހަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން ސްޓޭޓް މިނިސްޓަރުން އަދި ނައިބު ވަޒީރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ކެމްޕޭނު ހަރަކާތުގައި ރައީސް މިއަދު ގަލޮޅަށް ވަޑައިގެންނެވި އިރު، އިއްޔެ ވަނީ ހެންވޭރަށް ވަޑައިގެންނަވާފައެވެ.

މަޖިލީސް އިންތިހާބު ފުރަަތަމަ ތާވަލު ކުރީ މާޗް މަހުގެ 17 ވަނަ ދުވަހަށް ނަމަވެސް އެއީ ރޯދަ މަހާ ދިމާވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި އެ ބިލް ރައީސް ވަނީ ތަސްދީގު ކުރައްވާފައެވެ.

އެ ބިލު ތަސްދީގު ކުރެއްވުމާއެކު މަޖިލިސް އިންތިހާބު އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.