ބިންވެރިޔާ ސްކީމުން ގޯތި ދޫކުރާ ސަރަހައްދުތަކުން ޕްލޮޓް ހަވާލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

ނިމިދިޔަ ސަރުކާރުން 'ބިންވެރިޔާ ސްކީމް' ގެ ނަމުގައި މާލޭގައި މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި ސްކީމްގައި ހުޅުމާލެއިން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ގޯތީގެ އިން ވަކިކޮށް ބިން ހަވާލުކޮށްފައެއް ނުވެއެވެ. އެގޮތުން އިން ވަކިކޮށް ހަވާލު ނުކޮށް ހުރި ހުޅުމާލޭގެ ބިންތަކަކީ މިހާރު ސިމެންތިއާއި ހިލަވެލި އަދި ކުނި ބުނި އަޅާފައިވާ ތަންތަނެވެ.

މި ބިންތައް ދޫކުރުމާ ގުޅޭ ގޮތުން މިހާރު ކުރަމުންދާ މަސައްކަތް ހާމަކުރަމުން އެޗްޑީސީ އިން ބުނީ، ބިންވެރިޔާ މަޝްރޫއު އިން ގޯތި ދިނުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ތެރެއިން، ގަލާއި ހިލަވެލި އަދި ކޮންސްޓްރަކްޝަން ކުނި އަޅާފައިވާ ޕްލޮޓްތައް ފާހަގަކުރަމުން އަންނަ ކަމަށެވެ. މިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަކީ ކޮބައިކަން ބަލައި ރައްޔިތުންނަށް ޕްލޮޓު ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ،

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު، ގުޅިފަޅުން 2،218 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ދޭން ވަނީ ނިންމާފައެވެ.