ގޮޅިތަކުގައި ބިދޭސީން ބޭތިއްބުން މަނާކޮށްފައި ވަނިކޮށް، ދަތުރުވެރިންގެ މާރުކޭޓުގައި ފާސްނެތި ބިދޭސީން މަސައްކަތް ކުރުމުން ގޮޅީގެ ވެރިފަރާތް ޖޫރިމަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެފަދަ 9 ފަރާތެއް މި ހިނގާ މާޗް މަހުވެސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު ނަމަ ޖޫރިމަނާ ކުރަނީ 2000 ރުފިޔާއިންނެވެ. 2 ވަނަ ފަހަރު ނަމަ 4000 ރުފިޔާއިން ޖޫރިމަނާކޮށް ގޮޅީގެ ވެރިފަރާތަށް ރެޑް ނޯޓިސް ދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އަދި އެފަދަ އަމަލެއްގެ ސަބަބުން 3 ވަނަ ފަހަރު ޖޫރިމަނާކޮށްފިނަމަ ގޮޅި އަތުލުމުގެ ބާރު މާލެ ސިޓީ ކައުންސިލަށް ލިބިގެންވާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީންގެ ނުފޫޒު ގަދަވުމުގެ ސަބަބުން، އެތަނުގައި ތިބޭ ދިވެހީންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދިނުމަށް އިކޮނިމިކް މިނިސްޓްރީން 2020 ވަނަ އަހަރު ވަނިީ ހާއްސަ ގަވާއިދެއް ހަދާފައެވެ.

އެ ގަވާއިދުގައިވާ ގޮތުން ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށް ފަހުއެވެ.

ދާދިފަހުން ސިޓީ ކައުންސިލުން ވަނީ މާލޭގައި، މީހުން ހިނގާބިނގާވެ އުޅުމަށް ހަދާފައިވާ ޕޭވްމަންޓް މަތީގައި މުދާ ބަހައްޓައިގެން ވިއްކަމުން ދިޔަ ހަތަރު ފަރާތެއްވެސް ޖޫރިމަނާކޮށްފައެވެ. މާލޭގެ މަގުމަތީގައި ޕޭވްމަންޓަ މަތީގައި މުދާ ބަހަށްޓައިގެން ވިއްކުން އާންމުވެފައިވާއިރު، މިކަމާއި ގުޅިގެން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ގިނަ އުދަގޫތަކާ ކުރިމަތިވާކަމުގެ ޝަކުވާ ބޮޑެވެ.

މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށް ވާއިރު، ޕޭވްމަންޓުތަކުގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔާފާރި ކުރަމުން ދާ މައްސަލަތައްވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. އަދި ކަމާއި ގުޅޭ އިދާރާތަކުން މިކަމާއި ގުޅިގެން ގިނަ ފިޔަވަޅުތަކެއް މީގެ ކުރިންވެސް އަޅާފައިވާއިރު، މިއަހަރު ރަމަޟާން މަހު މާލޭގެ މަގުތައް އަމާންތަނަކަށް ހެދުމަށް ކަމާއި ބެހޭ އިދާރާތަކާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން މާލެ ސަރަހައްދުގެ މަގުތައް ސާފުކުރުމުގެ މަސައްކަތުގެ އިތުރުން މިސްކިތްތަކުގެ ބޭރުގައި ނަމާދުކުރަން، ހާއްސަކޮށް ހުކުރުކުރަން ހަދާ ސަފުތައް ހެދުމަށް ފަސޭހަވާނެހެން، މަގުގައި ގިބްލަ ޑިރެކްޝަން އެނގޭގޮތަށް ހުދު ލައިންވަނީ ކުރަހާފައެވެ. މީގެ އިތުރުން ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު ގެ ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.