ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް ލިބިފައިވާ އިރު މާލޭގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ކައުންސިލުން ހުރަސް އަޅާނަމަ އިންޒާރުދީގެން ވެސް މަޝްރޫއުތައްް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ އިންތިހާބުގައި ޕީއެންސީއަށް ތަރުޖިބާ ކުރަން ޖެހިފައި ވަނީ ކާމިޔާބީ އާއި ނާކާމިޔާބީ ކަމަށެވެ. ކާމިޔާބީގެ ގޮތުންގައި އެމަނިކުފާނު ފާހަގަކުރެއްވީ މީގެ ކުރިން ދުވަހަކުވެސް ޕީއެންސީއަށް ވޯޓެއް ނުލިބޭ ރަށްރަށުން ބޮޑު ތާއީދެއް ލިބިފައިވާ ކަމަށެވެ. ނާކާމީޔާބީގެ ގޮތުގައި ރައީސް ފަހާގަކުރެއްވީ ފަސް ސީޓީގެ ގޮނޑިތައް ގެއްލިގެން ދިއުމެވެ. ނަމަވެސް ލިބުނު ނާކާމިޔާބީ އާ މެދު ދެކެނީ ވެސް ވަރަށް "ޕޮޒިޓިވް" ކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

ނާކާމިޔާބީ ޕޮޒިޓިވްކޮށް ނަގާ ގޮތުގެ އިތުރު ތަފްސީލެއް ދެއްވަމުން ރައީސް ވިދާޅުވީ، މާލެ ސިޓީގެ ކަންކަމަކީ އެމަނިކުފާނު ވަރަށް ގާތުން ބެއްލެވި ކަންކަން ކަމަށާއި، މާލެ ސިޓީން ލިބުނު ނާކަމީޔާބީގެ ސަބަބުން ދެން މި ސިޓީގެ ކަންކަން ކުރުމުގައި އިތުރު ހިތްވަރެއް ލާން ޖެހޭނެ ކަމަށެވެ. މާލެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަން ފާހަގަކުރައްވަމުން ބޯހިޔާވަހިކަމުގެ ކަންކަމާއި މަގުތައް ތަރައްގީކުރުމާއި ޕާކިން ފަދަ ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސިޓީގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތުގައި މާލެ ސިޓީގެ ކައުންސިލުން އެއްބާރުލުން ލިބުމުގައި ހުރަސްތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެ ގޮތުން މަސްމާރުކޭޓް ހުރި ސަރަހައްދު ތަރައްގީ ކުރި އިރު މަގު ފުޅާކޮށް ތާރު އަޅައި ދުވާރު ހެދި އިރު މަސްމާރުކޭޓް ކުރިމައްޗަށް އޮތް ސަރަހައްދުގައި ހުރި ސާމާނުތަކެއް ދުރުނުކުރުމުން އެ މަސައްކަތް ނިންމާލީ އެ ސަރަހައްދުގެ ދުވާރު ނުހަދާ ކަމަށެވެ. އެ ގޮތަށް ކައުންސިލުން އަމަލު ކޮށްފައި ވަނީ އެ މަސައްކަތް ނިންމުމަށް ހުރަސް އެޅުމަށް ކަމަށް ކަމަށާއި އެތަނުގައި ދުވާރު ނެތުމަކީ މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭ ކަމުގެ މިސާލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެއަށް ފަހު މަސް މާރުކޭޓް ތަރައްގީ ކުރުމަށް ވެސް އެތަން ހުސްކޮށް ދިނުމަށް ކައުންސިލުގައި އެދިގެން ވެސް އެއްބާރުލުން ނުލިބުނު ކަން ރައީސް ފާހަގަކުރެއްވިއެވެ. އެ ތަން ހުސްކުރުމަށް މި މަހުގެ 18 ވަނަ ދުވަހަށް ޑެޑްލައިނެއް ދިން ކަމަށާއި އަދި އެ މުއްދަތަށް ކައުންސިލުން އެތަން ހުސް ނުކޮށްފިއްޔާ ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލުން އެއްބާރުލުން ނުދީފިނަމަ އެތަނެއް ކަމާބެހޭ މިނިސްޓްރީއަށް ނަގައިގެން މަސައްކަތްތައް ކުރެވޭ ގޮތަށް އޮތް އުސޫލާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް އިންޒާރު ދޭން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް އިންޒާރު ދިނީމައި މިހާރު މަސްމާރުކޭޓް ހުސްކުރުމުގެ މަސައްކަތް ފެށި ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުގައި މިހާރު ވެސް އެމްޑީޕީގެ މެޖޯރިޓީއެއް އޮތް އިރު މަޝްރޫއުތައް ހިންގުމުގައި ކައުންސިލުގެ ދަތިކުރުމުގެ ކަންކަން ކުރަމުންދާ މިސާލަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް މާލެ ސީޓީގައި މަޝްރޫއުތައް ހިންގުމުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލަކުން އެއްބާރުލުން ލިބުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށެވެ. އެ ހާލަތުގައި ކަން ކުރަން ޖެހޭނީ އިންޒާރު ދީގެން މިހާރު ކަން ކުރަމުން އަންނަ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.