މާލޭގެ އިރުމަތީ ފަރާތުގައި އޮންނަ އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ސްޓޭޖް ރޫޅާލުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ އުޅަނދުތަކެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ އަލިމަސް ކާނިވާ ސްޓޭޖްގެ މަތިން ދަގަނޑު ޓްރަސް އަޅައިގެން ހަދާފައިވާ ބައިތައް ދަބަރު ޖަހައި ފީވެ ހަލާކުވެގެން އޭގެ ބައެއް ބައިތައް މިހާރު ތިރިއަށް ވެއްޓެމުންދާ ކަމަށެވެ.
އެހެންކަމުން އެ ސަރަހައްދަށް ވަދެނިކުމެ އުޅޭ އާންމުންނާއި ދުއްވާ އެއްޗެހީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސްޓޭޖުގެ ދަގަނޑު ބައިތައް ރޫޅާލައި އެ ތަކެތި ނެގުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން ބުނީ މި މަސައްކަތް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މިހާރު އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ ވެހިކަލްތަކެއް އެ ތަކެތީގެ ވެރިފަރާތްތަކުންނާއި، ވެހިކަލް ދުއްވާ އަދި ބަލަހައްޓާ ފަރާތްތަކުން އިއްޔެއިން ފެށިގެން ނެގުމަށް ކައުންސިލުން އެދިފައިވާކަމަށެވެ.
އަދި ސްޓޭޖް ރޫޅާލުމުގެ މަސައްކަތް އެއްކޮށް ނިމެންދެން އެ ސަރަހައްދު އެއްކޮށް ހުސްކޮށް ބޭއްވުމަށް ކައުންސިލުން ވަނީ އަންގާފައެވެ.
މީގެއިތުރުން ސްޓޭޖް ރޫޅާލުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ހިނގާފާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށް މި މަސައްކަތް އެއްކޮށް ނިމެންދެން އެ ސަރަހައްދުން ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެހި އެ ސަރަހައްދަށް ވަދެ ނުހެދުމަށް ކައުންސިލުން ވަނީ ބުނެފައެވެ.
