ޒަމާނީ ފެންވަރަށް މާލޭގެ މަސްމާރުކޭޓު ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް އަމިއްލަ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްދޭން އެ ކުންފުނިން އެ އިދާރާގައި އަމިއްލަ އަށް އެދިފައިވާއިރު ވެސް އެކަން ނުކޮށް އޮތް ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.
"މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ގެ ނަމުގައި ހިންގާ މި ބޮޑު މަޝްރޫއު ޓްރަސްޓެންގް މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ ނިމިދިޔަ މާޗު މަހުއެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 117 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު ނިމޭއިރު، އެތަނުގައި 85،000 އަކަފޫޓުގެ ބޮޑު ޖާގައެއް އެކުލެވޭ ހަ ބުރީގެ ޒަމާނީ އިމާރާތެއް ގާއިމުކުރެވޭނެއެވެ.
މިއީ ދެ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް ކަނޑައެޅިފައިވާ މަޝްރޫއެއް ނަމަވެސް މިހާތަނަށް މަސައްކަތުގެ އަމަލޫ މަސައްކަތް ފެށިފައި ނުވެއެވެ.
އެކަމާ ގުޅިގެން ދާދި ފަހުން ހައުސިން މިނިސްޓްރީން ބުނީ، އަމަލީ މަސައްކަތް ނުފެށި ލަސްވަނީ މާލެ ސިޓީ ކައުންސިލުން ބިން ހަވާލުނުކުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ކައުންސިލުން ބުނީ އެ ބިން ހަވާލުކުރުމަށް އެދި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީންނާއި ހައުސިން މިނިސްޓްރީން ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް، އެ ތަނަކީ ނިމިދިޔަ ދައުރުގައި ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު އެއްބަސްވުންތަކެއް ހަދާފައިވާ ބިމެއްކަމުން، ގާނޫނީ ގޮތުން އެ ކޮންޓްރެކްޓްތައް ބާތިލުކުރުމަށްފަހު މެނުވީ އެހެން ފަރާތަކަށް ބިން ދޫކުރެވެން ނެތްކަމަށެވެ.
މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލްގެ "ކޯޅުން" ބޮޑުވެފައިވާ މި މައްސަލައިގައި ހައުސިންގް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ލޯކަލް މާރުކޭޓު ހުރި ބިމުގައި ހިންގަން އުޅޭ "ވެޓް މާކެޓް" މަޝްރޫއުއަށް އެ ބިން ހަވާލުކޮށްދޭން ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދުނު ނަމަވެސް އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް އެ އިދާރާ އިން މިދިޔަ މަހުގެ 20 ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ބިން ހަވާލުކުރެވެން ނެތް ސަބަބެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވަނީ މާޗު 9، 2023 ގައި އެ ކައުންސިލާއި ހައިރު އިންޖިނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މަސްމާރުކޭޓު ސަރަހައްދު ތަރައްގީ ކުރަން ހަވާލުކޮށްފައި ވާތީ ކަމަށާއި ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހުގައި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
"ވެޓް މާކެޓް ކޮމްޕްލެކްސް" ގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލުން ޕްލޭންކޮށް، ޑިޒައިން ކޮށްފައިވާ ގޮތަށާއި އެއީ އެ ކައުންސިލުން މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން އެއްވެސް ކަމެއް ނުކޮށް އޮތުމުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ދެކޭތީ ކަމަށް ހައުސިންގް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިތައް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރުމަކީ އެކަމުގައި އެއްވެސް ހުރަހެއް އޮތްކަމެއް ކަމުގައި ނުދެކޭ ކަމަށާއި އަދި އެ އެއްބަސްވުން ބާތިލް ނުކުރި ނަމަވެސް އެ ބިން ސަރުކާރާއި ހަވާލުކުރުމަށް ހުރަހެއް އޮތް ކަމަށް ނުދޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް، މި މަސައްކަތް ނުފެށި ލަސްވާ ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައިނުވުމުން ކަމަށް މިއަދުގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
މާލޭގެ މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގެ ރައްޔިތުންނާއި، މާލެއަށް ޒިޔާރަތްކުރާ އެތައް ބަޔަކަށް އިންތިހާއަށް ބޭނުންޖެހިފައިވާ މުހިންމު މަޝްރޫއެކެވެ. ނަމަވެސް، މިފަދަ ބޮޑު މަޝްރޫއެއްގެ އަމަލީ މަސައްކަތް ބިމުގެ މިލްކުވެރިކަމާއި ގާނޫނީ އެއްބަސްވުންތަކުގެ މައްސަލައިގައި ސަރުކާރާއި މާލެ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ މި ހިޔާލުތަފާތުވުންތަކަށް އަވަސް ހައްލެއް ބޭނުންވަނީ، މީގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގެއްލުންވަމުން ދަނީ އާންމު ރައްޔިތުންނަށެވެ.
