އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި ސިނަމާލެ ބްރިޖްގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ބްރިޖް ހައިވޭގައި ހުޅުމާލެއިން މާލެއަށް ދާ ފަޅީގެ އެއާޕޯޓް ޓްރެފިކް ލައިޓާ ހިސާބުން ސައިކަލަކާއި އެމްޓީސީސީ ބަހެއް ޖެހި މިއަދު 08:34 އެހާއިރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެ ފޮޓޯއިން ފެންނަ ފެނުމަށް ސައިކަލު އޮތީ ބަހުގެ އަރިމައްޗަށްވާ ގޮތަށް އެކޮޅުކޮޅުންނެވެ. ނަމަވެސް ފޮޓޯއިން ފެންނަ ފެނުމަށް ސައިކަލަށް އަދި ބަހަށްވެސް މާ ބޮޑެތި ގެއްލުންތަކެއް ވެފައެއް ނުވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާއިރު މީގެ ކުރިންވެސް ހައިވޭގައި އެކި ވަރުގެ އެކްސިޑެންޓްތައް ހިނގާ ބައެއް މީހުންގެ ފުރާނައަށްވެސް ނުރައްކާވެފައި ވެއެވެ.