ލ. ކައްދޫގައި 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު ނިޔާވި މައްސަލައިގައި، ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމަކާއި މަރުގެ ދިޔަ ދެއްކުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލ. ފޮނަދޫ، ހޯރަވިލާ، މުހައްމަދު ނައުސާންގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

ފޮަނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައިވަނީ މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުން 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 3 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މިއާއެކު ޖުމްލަ 3 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އައިސްފާއިވާއިރު ތަހުގީގަށާއި ޝަރީއަތަށް ބަންދުގައި ހޭދަކުރި އެއް އަހަރާއި ދެ މަހާއި 10 ދުވަސް އުނިކުރުމަށްފަހު، އޭނާ ތަންފީޒުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ.

މީގެ އިތުރުން އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ނިޔާވި އަންހެން މީހާގެ ވާރިސުންނަށް ދެއްކުމަށް އަމުރުކޮށްފައިވެއެވެ. އަދި މި ފައިސާ ކުރިއަށް އޮތް 36 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މަރުގެ ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ކޯޓުން އަންގާފައިވާއިރު ޝަރީއަތުގެ މަރުހަލާގައި މުހައްމަދު ނައުސާން ވަނީ އޭނާގެ މައްޗަށް އުފުލުނު ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް އެކުލަވާލާފައެވެ.

ފޮނަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ މިއީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅައި މި ހުކުމް އިއްވާފައެވެ.