އެކަށީގެންވާ ވަރަށް ނިދި ލިބުމަކީ މުޅި އަހަރުގެ ތެރޭގައި އުނދަގޫ ކަމަކަށް ވާއިރު، ރަމަޟާން މަހު 8 ގަޑިއިރުގެ ނިދި ހަމަކުރުމަކީ މާ އުނދަގޫ ކަމެކެވެ. އެއީ ރޭއަޅުކަމަށާއި ހާރު ކެއުމަށް ކޮންމެ ރެޔަކު ހޭލަން ޖެހޭތީއެވެ.

1.6 ބިލިއަނަށް ވުރެ ގިނަ މުސްލިމުން ފާހަގަކުރާ ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވައިލެއްވި މަހެވެ. ރަމަޟާން މަހަކީ މުސްލިމުން ނަމާދާއި ދީނީ އަޅުކަމުގައި ޝާމިލުވުމުގެ އިތުރުން, ނަފްސު އިސްލާހު ކުރުމަށްޓަކައި ލިބިދޭ ރަނގަޅު ފުރުސަތެކެވެ. ރަމަޟާން މަހުގެ މައިގަނޑު އެއް ބަޔަކީ އެ މަހުގެ ކޮންމެ ދުވަހެއްގެ ވެސް ފަތިހުން ފެށިގެން އިރުއޮއްސެންދެން ރޯދައަށް ހުރުމެވެ.

އެކަށީގެންވާ ވަރަށް ނިދި ނުލިބުމަކީ އުފެއްދުންތެރިކަން ދަށްވެ އެކި ކަންކަމަށް ސަމާލުކަން ދެވުން ކުޑަކޮށްދޭ ކަމެކެވެ. މީގެ އިތުރުން އެކަށީގެންވާ ވަރަށް ނިދި ނުލިބުމުން އަހަރެމެންގެ ހަށިގަނޑަށް ބޭނުންވާ ހޯމޯން ލެވަލަށް އަސަރުކޮށް, ބަނޑުހައިހޫނުކަން އިތުރުވުމުގެ އިތުރުން, ރަމަޟާން މަހު ރޯދަ އަށް ހުރުމަށް އުނދަގޫވުން އެކަށީގެންވެއެވެ.

އެހެންކަމުން ތިރީގައި މި ވަނީ ރަމަޟާން މަހު ނިދި ހަމަކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

  • ދުވަހުގެ ވަގުތުތައް ގެންދާނެ ގޮތެއް ކަނޑައެޅުން: ރަމަޟާން މަހު ނިދި ހަމަކުރުމަށް ކުރެވިދާނެ އެއް ކަމަކީ ރަމަޟާން މަހު ވަގުތު ދޭނެ ކަންކަން ކަނޑައަޅައި ވަކި ޝެޑިއުލަކާ އެއްގޮތަށް ކަންކަން ފެއްތުމެވެ. އެގޮތުން ނަމާދަށާއި ރޭއަޅުކަމަށް ވަގުތު ދެމުން, ކުރެވިދާނެ އެއް ކަމަކީ ތަރާވީހް އަވަހަށް ނިދުމެވެ. އަދި ފަތިސް ނަމާދަށް ފަހު ހެނދުނު ވަގުތުކޮޅަކަށް ނިދާލުމެވެ.
  • އަރާމުކުރުމަށް ވަގުތުކޮޅެއް ހުސްކޮށްލުން: ރަމަޟާން މަހުގެ ދުވާލުގެ ވަގުތުތަކަކީ އާންމު ގޮތެއްގައި ބައެއް މީހުން މަސައްކަތްކުރާ ވަގުތެވެ. އެހެނިހެން މަސްތަކަށް ވުރެ ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ވަރުބަލިވާ މިންވަރު އިތުރުވެއެވެ. އެހެންކަމުން ވަރުބަލިކަން ފިލުވާލުމަށްޓަކައި އަސްރު ނަމާދު ވަގުތުގެ ގާތްގަނޑަކަށް 20 އަކަށް ނުވަތަ 40 އަކަށް މިނެޓު ކުރިން އަރާމުކޮށްލުން ރަނގަޅެވެ.
  • ނިދި ގެއްލުވާލާ ފަދަ ތަކެތި އެއްފަރާތްކުރުން: ޒަމާނަށް އައި ބަދަލާއެކު އަހަރެމެންގެ ނިދި ގެއްލުވާލާ އެކައްޗަކަށް ވެފައި މި އޮންނަނީ އަތުގައި އޮންނަ މޯބައިލް ފޯނެވެ. ނިދަން އެރުމަށް ފަހު ފޯނާ ކުޅެން ފެށުމުން ވަގުތުތައް ބޭކާރުވެ ނިދުމަށް ހޭދަވާ ވަގުތު މަދުވެއެވެ. އެހެންކަމުން މުހިންމު ނޮޓިފިކޭޝަންތައް އޮން ކޮށް ފޯނު ’ޑޫ ނޮޓް ޑިސްޓާބް‘ އަށް ލުމަށް ފަހު, އެއް ފަރާތުގައި ފޯނު ބޭއްވުން އެއީ ކުރެވިދާނެ ކަމެކެވެ.

މީގެ އިތުރުން ރަމަޟާން މަހު އެކަށީގެންވާ ވަރަށް ނިދި ލިބުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ އެހެން ބަދަލުތައް ވެސް އެބަހުއްޓެވެ. އެގޮތުން ކެފެއިން ހުންނަ ބުއިންތައް ރަމަޟާން މަހު ބޭނުން ނުކުރުމާއި, ސަރުބީ އާއި ހަކުރު ގިނައިން އެކުލެވޭ ކާނާ ކެއުން މަދުކުރުމާއި ގަވައިދުން ކަސްރަތުކުރުމަކީ ކުރެވިދާނެ ބައެއް ކަންކަމެވެ.