ހަމަ ނިދި ނުލިބުމަކީ އޭގެ ސަބަބުން އިންސާނާ ވަރުބަލި ކުރުވުމާ ދުވަހުގެ މަސައްކަތްތައް ކުރުމަށް ފޫހި ކުރުވާ ކަމެކެވެ. ސައިންސްވެރިން ހާމަ ކޮށްފައިވާ ގޮތުގައި އިންސާނާ ދުވާލުގެ ވަގުތުގައި މާބޮޑަށް ވަރުބަލި ކަމެއް ނެތި ހެލިފެލިވެ އުޅުމަށް ދުވާލަކު މަދުވެގެން 7 ނުވަތަ 9 ގަޑިއިރުގެ ނިދި ބޭނުންވެއެވެ. ނަމަވެސް މިއަށް ވުރެ ގިނަ ވަގުތު، 15 ނުވަތަ 13 ގަޑިއިރު ވަންދެން ނިދާނަމަ އޭގެ ސަބަބުން ސިއްހަތަށް ގެއްލުން ވުމަށް އެކަށީގެންވެއެވެ.

މާގިނައިން ނިދާ ނަމަ ދިމާވާ އެންމެ ބޮޑު މައްސަލައަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރާ އަސަރެވެ. އެގޮތުން ފަހުގެ ދިރާސާތައް ދައްކާގޮތުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ނިދާނަމަ ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ބަލިތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުވުން ވެސް އެކިކަހަލަ ނަފްސާނީ ބަލިތަކަށް މީހާ ހުށަހެޅިގެން ދިއުމަށް ވެސް މަގުފަހިވެއެވެ.

ނަފްސާނީ މައްސަލަތަކުގެ އިތުރުން މިއީ ހިތާ ސިކުނޑިއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ. އެކާވީސް ގައުމެއްގެ މައުލޫމާތު އެއްކޮށްގެން ހަދާފައިވާ ދިރާސާއެއް ޔޫރަޕިއަން ހާޓް ޖާނަލްގައި ޝާއިއު ކޮށްފައި ވާއިރު މި ދިރާސާގައި ބުނާ ގޮތުން މާގިނައިން ނިދާނަމަ ހިތުގެ ބަލިތައް ޖެހުމާއެކު ސްޓްރޯކް ޖެހުން ފަދަ ކަންކަން ދިމާވުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން ވެސް ވަރުބަލި ވުމާއި ހަނދާން ބަލިވުމުގެ އިތުރުން ބޮލުގައި ނުފިލާ ރިހުމެއް ހުރުން މިއީ ވެސް ދިމާވެދާނެ ސިއްހީ ބައެއް މައްސަލަތަކެކެވެ. މިކަން ހައްލު ކުރުމަށް ތަފާތު ގިނަ ކަންކަން ކުރެވިދާނެއެވެ.

އެގޮތުން އެންމެ މުހިއްމު އެއް ކަމަކީ ކޮންމެ ރެއަކުވެސް ނިދަން ވަކި ގަޑިއެއް ކަނޑައަޅައި އެ ގަޑިއަކަށް ނިދަން އާދަކުރުމާއެކު ހެނދުނު ހޭލުމަށް ވެސް ވަކި ގަޑިއެއް ކަނޑައަޅައި އެ ގަޑިއަކަށް ހޭލުމަށް އާދަކުރުމެވެ. ފުރަތަމަކޮޅު އުނދަގޫވިނަމަވެސް އެކަމަށް އާދާ ކޮށްފިނަމަ އިސާހިތަކު ވަކި ގަޑިއަކަށް ނިދާ، ވަކި ގަޑިއަކަށް ހޭލަން ފަސޭހަވެގެން ދާނެއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މި އާދަ އިންސާނުންގެ ގައިގައި ހަރުލެއްވުމަށް ނިދަން އެންމެ އެކަށީގެންވާ ގަޑިތަކަކީ ރޭގަނޑު 9 ނުވަތަ 10އެވެ. އަދި ހޭލުމަށް އެންމެ ރަނގަޅީ ފަތިހުގެ ވަގުތުގައި ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.