ކޮންމެ ރެއަކު ވެސް އެނދުގައި ނިދަން އޮށޯތުމާއެކު، ރީތި އަދި ހިތްގައިމު ހުވަފެންތަކުގެ ތެރެއަށް ގެއްލިގެން ދާނެކަމުގެ އުއްމީދު ކުރެވެއެވެ. ނަމަވެސް އެ ހުވަފެންތައް ބިރުވެރި ހުވަފެންތަކަކަށް ބަދަލުވެ އަމިއްލަ ނަފްސު ތާށިވެގެން ދިއުމުން ވާނީ ކިހިނެއް ހެއްޔެވެ؟

ހިތުގެ ތެޅުން އަވަސްވެ، ހަށިގަނޑުން ދާހިއްލާ، ބިރުވެރިކަމުގެ ތެރެއަށް ގެނބިގެން ދާކަހަލަ އިހުސާސެއް ކުރެވެއެވެ. ނަމަވެސް ނޭވާ ހާސްވެގެން ގޮސް އެންމެ ފަހުން ހޭލެވުމުން، އެއިން އެއްވެސް ކަމަކީ ހަގީގަތެއް ނޫންކަން އަމިއްލައަށް އެނގިގެންދެއެވެ.

އެހެނަސް އެ ބިރުވެރި ހުވަފެންތަކުގެ ހަނދާންތައް ދިގުދެމިގެން ދާއިރު، ނުތަނަވަސްކަމާއި ހިތްދަތިކަން އިހުސާސް ކުރެވެއެވެ. ބިރުވެރި ހުވަފެންތަކަކީ ބިރުވެރި ތަޖުރިބާއަކަށްވެ، އެކަމުގެ ސަބަބުން ތިބާ ތެޅިފޮޅެމުން ގޮސް ނުތަނަވަސްކަން އުފެދިދާނެއެވެ. އެހެންކަމުން އެކަން މެދުވެރިވާ ސަބަބުތަކާއި އެކަމުން އަރައިގަނެވޭނެ ގޮތްތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބިރުވެެރިކަމެއްގައި ނިދިން ހޭލެވިފައިވާ މީހަކު

1700ގެ އަހަރުތަކުގެ ފަހުކޮޅުގައި، ބިރުވެރި ހުވަފެން ފާހަގަ ކޮށްފައި ވަނީ މީހަކު ނިިދާފައި އޮންނަ އިރު އެމީހެއްގެ ބޮލުގައި ވަރަށް ބޮޑު ހާސްކަމެއް ނުވަތަ ބުރައެއް އޮންނަ ކަމަށް ހީކުރާ ހާލަތެއްގެ ގޮތުގައި ކަމަށް ހާވާޑް.އީޑީއޫ އިން ބުނެއެވެ. މި ތަފްސީލު ދީފައިވަނީ 1721 ވަނަ އަހަރު ނޭތަން ބެއިލީ ޝާއިއުކޮށް، 1802 ވަނަ އަހަރާ ހަމައަށް އަލުން ޗާޕުކޮށް، ގިނަ ބަޔަކު ބޭނުންކުރާ ރެފަރެންސް ފޮތެއް ކަމަށްވާ އެން ޔުނިވާސަލް އެޓިމޮލޮޖިކަލް އިންގްލިޝް ޑިކްޝަނަރީގައެވެ.

މި ހާއްސަ މާނަ މިއަދު އާންމުކޮށް ބޭނުން ނުކުރި ނަމަވެސް، އެފަދަ ހުވަފެންތަކުގެ ސަބަބުން ބިރުވެރިކަމާއި ނުތަނަވަސްކަމުގެ އިހުސާސްތައް އުފެދޭ ގޮތުގައި އަދިވެސް ދެކެވެއެވެ.

ބެންގަލޫރުގެ އޯލްޑް އެއާޕޯޓް ރޯޑްގައި ހުންނަ މަނިޕާލް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް، ކްލިނިކަލް ސައިކޮލޮޖީގެ ކޮންސަލްޓަންޓް ޑރ ސަތީޝް ކުމާރު ސީއާރް ސިފަކުރިގޮތުގައި ބިރުވެރި ހުވަފެންތަކަކީ އަސްލު ހަގީގަތް ކަމަށް އިހުސާސް ކުރެވޭ ކަމަށާއި ނޭވާހިއްލުމާއި، ކަރުހިއްކުމާއި،

ހިތުގެ ތެޅުން އަވަސް ވުމުން މީހާއަށް ހޭލެވިގެން ދާކަމަށެވެ. އެ ހުވަފެނުގެ އަސްލަކީ ވަރަށް ހިތާމަވެރި ނުވަތަ ބިރުވެރި، އަދި ގިނަ ފަހަރަށް ފުރާނައަށް ނުރައްކާވާ ފަދަ އަސްލުތައް ކަމަށް އޭނާ ބުންޏެވެ.

ހުވަފެނެއްގައި ދިމާވާ ކަމެއް ރަމްޒުކޮށްދޭ ތަސްވީރެއް

ނަމަވެސް ބިރުވެރި ހުވަފެން ފެންނަނީ ކީއްވެގެން ހެއްޔެވެ؟ ޑރ ސަތީޝް ބުނީ ދިގު މުއްދަތަކަށް ނަފްސާނީ ނުތަނަވަސްކަމާއި ދާއިމީ ސްޓްރެސްގެ ސަބަބުން މީހުންނަށް ބިރުވެރި ހުވަފެންތައް ފެންނަ ކަމަށާއި އޭގެ ތެރޭގައި ނުރައްކާވާ ފަދަ ހާލަތެއްގައި ތިބާ ހުރުންވެސް ހިމެނޭ ކަމަށެވެ. އޭނާ ބުނިގޮތުގައި ދާއިމީ ބަލިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާގެ މެމްބަރުންނާއި ކުރީގެ ހިތާމަވެރި ހާދިސާތައް ނުވަތަ ހިތާމަ ފަދަ ދިގު މުއްދަތުގެ ސްޓްރެސްތަކާ ކުރިމަތިލާން ޖެހޭ މީހުންނަށް އެ ކަންކަން ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

އެކަމަށް އެއްބަސްވެ ދިއްލީ-އެންސީއާރުގައި ފަރުވާދޭ ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށްވާ އައިޝްވާރިޔާ ރާޖް ބުނީ ބިރުވެރި ހުވަފެންތައް ފެންނާނީ އެންޒައިޓީ، ސްޓްރެސް، ޓްރޯމާ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ގިނަ ބަލިތަކުގެ ސަބަބުން ކަމަށެވެ. "ބިރުވެރި ހުވަފެންތަކަކީ ނަފްސާނީ ސްޓްރެސްތަކަށް ގުދުރަތީ ގޮތުން ލިބޭ އިޖާބައެއް ކަމަށް ބެލެވޭއިރު، ސިކުނޑީގެ ކަންކަން ޕްރޮސެސްކޮށް އުނދަގޫ ތަޖުރިބާތަކާ ކުރިމަތިލާން އެހީވެދޭނެ. މީގެ އިތުރުން ނިދުމުގެ މައްސަލަތަކާއި ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުން ވެސް ބިރުވެރި ހުވަފެންތައް ފެނިދާނެ."

ހުވަފެނެއްގައި ދިމާވާ ކަމެއް ރަމްޒުކޮށްދޭ ތަސްވީރެއް

އަދި ބައެއް މީހުންނަށް އެހެން މީހުންނަށް ވުރެ ބޮޑަށް ބިރުވެރި ހުވަފެންތައް ފެނުމުގެ ފުރުސަތު ބޮޑެވެ. "އެންޒައިޓީ، ޑިޕްރެޝަން، ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) އަދި ނަފްސާނީ އެހެނިހެން ބަލިތައް ހުންނަ މީހުންނަށް ބިރުވެރި ހުވަފެންތައް ފެނުމުގެ ފުރުސަތު ބޮޑު. މީގެ އިތުރުން ބޮޑެތި މީހުންނަށް ވުރެ ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންނަށް ބިރުވެރި ހުވަފެންތައް ފެނުމުގެ ފުރުސަތުވެސް ބޮޑު" އައިޝްވާރިޔާ ބުންޏެވެ.

މީގެ އިތުރުން، ކޮލްކަތާގެ ކޮންސަލްޓަންޓް ސައިކޮލޮޖިސްޓް ޑްރިޝާ ޑޭ ބުނީ އަހަރެމެންގެ އަހުލާގީ އަދި ހޭލުންތެރި ވިސްނުން އަހަރެމެންނާ ވާހަކަ ދައްކަނީ ހުވަފެންތަކާއި ނިޝާންތަކުން ކަމަށެވެ. ކޮންމެ މީހަކުވެސް މިކަން ތަހައްމަލުކުރާނެ ކަމަށާއި، ތަފާތަކީ ހޭލެވުމުން ހުވަފެނެއް ނުވަތަ ބިރުވެރި ހުވަފެނެއް ފެނުނުކަން ހަނދާން ހުރިތޯ ނުވަތަ ނޫންތޯއެވެ. ބައެއް ފަހަރު ތަކުރާރުކޮށް ފެންނަ ހުވަފެނެއް ނުބަތަ ބިރުވެރި ހުވަފެނެއް އުޅޭކަން އެނގުނު ނަމަވެސް އެކަމާ ބެހޭ ގޮތުން މާ ބޮޑު ހަނދާނެއް ނުހުރެދާނެއެވެ. އެ ހުވަފެނުން ނުވަތަ ބިރުވެރި ހުވަފެނަކުން ހޭލުމަށްފަހު ވަގުތު ފާއިތުވަމުން ދާ ވަރަކަށް ހުވަފެން ހަނދާން ނެތުމުގެ ނުކުޅެދުންތެރިކަން އިތުރުވެގެންދެއެވެ.

ބިރުވެރި ހުވަފެންތަކުގެ އަސަރު ރޭގަނޑުގެ ނުބައި އަރާމަށްވުރެ ވެސް ދިގުވެދާނެއެވެ. މީގެ އިތުރުން އެންޒައިޓީ އާއި ޑިޕްރެޝަން އުފެދުމާއި ބައެއް ހާލަތްތަކުގައި ޕީޓީއެސްޑީ ޖެހުމަށް ވެސް ފުރުސަތު ފަހިވެގެންދެއެވެ. "މެދުކެނޑުމެއްނެތި ހުވަފެންތައް ފެންނަ މީހުންނަށް އެންޒައިޓީ ނުވަތަ ޑިޕްރެޝަނާ ކުރިމަތިލާން ޖެހި، އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ދިރިއުޅުމުގައި ދަތިތަކެއް ކުރިމަތިވެދާނެ" ޑރ ކުމާރު ބުންޏެވެ.

ބިރުވެރި ހުވަފެންތަކުން ގިނަ ބަޔަކަށް ގެއްލުމެއް ނެތްހެން ހީވިޔަސް، އެ ހުވަފެންތައް ދެމިއޮތުމާއި ދުވާލުގެ ވަގުތުތަކުގައި މަސައްކަތް ކުރުމުގެ ގާބިލުކަމަށް ހުރަސް އެޅިއްޖެ ނަމަ އެއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. "މީގެ އިތުރުން ބިރުވެރި ހުވަފެންތަކާ އެކު ފްލޭޝްބެކް، ޕެނިކް އެޓޭކް ނުވަތަ އަމިއްލައަށް މަރުވުމުގެ ވިސްނުން ފަދަ އެހެން އަލާމާތްތައް ފެންނަނަމަ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުން މުހިންމު" އައިޝްވާރިޔާ ބުންޏެވެ.

އައިޝްވާރިޔާ ލަފާދެނީ ބިރުވެރި ހުވަފެންތައް މެނޭޖްކުރުމަށް އެހީތެރިވެދޭނެ ބައެއް ސްޓްރެޓެޖީތައް ޕްރެކްޓިސް ކުރުމަށެވެ. "ނިދުމުގެ ކުރިން ރިލެކްޝަން ޓެކްނިކްތައް ޕްރެކްޓިސް ކުރުމާއި، ނިދުމުގެ ވަގުތުގައި ހަމަހިމޭން ރޫޓިންއެއް އުފެއްދުމާއި، ނިދުމުގެ ކުރިން ހަލަބޮލި ހަރަކާތްތަކުން ދުރުހެލިވުމާއި، ތެރަޕިސްޓެއް ނުވަތަ މެންޓަލް ހެލްތް ޕްރޮފެޝަނަލަކާ ވާހަކަ ދެއްކުން" ހިމެނެއެވެ. ބިރުވެރި ހުވަފެންތަކަކީ ސީރިއަސް އަދި ދެމެހެއްޓެނިވި ހުވަފެންތަކެއްނަމަ ބޭހާއި އެހެނިހެން ފަރުވާތަކަށް ވެސް ތަޖުރިބާކާރުންގެ ލަފާ ހޯދުން މުހިންމެވެ.