އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތުގެ ބިންގާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އަޅުއްވައިދެއްވައިފިއެވެ.

އިއްޔެ ހަވީރު ހުޅުމާލޭގެ ފޭސް 1 ގައި ބޭއްވި ރަސްމިއްުޔާތުގައި ބިންގާއެޅި މި އިމާރާތަކީ ހަ ބުރީގެ އިމާރާތެކެވެ. މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މިއީ ސްޓާފުންނަށް މަސައްކަތް ކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ހިމެނޭ އިމާރާތެއްގެ އިތުރުން ސްޓާފުންނަށް ޑޭކެއާ ސެންޓަރެއް އަދި ޕާކް ކުރާނެ ޖާގަ ހިމެނޭ އިމާރާތެކެވެ. މީގެ އިތުރުން ލައިބްރަރީއާއި އަދި ތަމްރީނުތަކާ އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މިއިމާރާތުގައި ހިމެނެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިމާރާތް އެޅުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ ކުރީ ސަރުކާރުން، އޮގަސްޓް 11، 2022 ގައި ނަމަވެސް އެ މަސައްކަތް އޮތީ ނުފެށިއެވެ.

މިހާރު އޮޑިޓް އޮފީސް ހިންގަމުން އަންނަނީ ވަރަށް ކުރީގެ އިމާރާތެއް ކަމަށްވާ ގާޒީ ބިލްޑިންގައެވެ.