ދ. މާއެނބޫދޫ ކައުންސިލްގެ އިދާރާއަށް އެކި ހިދުމަތްތަކުން ލިބިފައިވާ އާމްދަނީގެ ފައިސާގެ ތެރެއިން 917,532 ރުފިޔާ، ދައުލަތުގެ މައި ބޭންކް އެކައުންޓަށް ޖަމާނުކޮށް ހިފަހައްޓާފައިވާ މައްސަލައެއް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އެ ކައުންސިލްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ. އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދު ބުނާގޮތުން ދައުލަތުގެ އޮފީސްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ހުޅުވާފައިވާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހެއެވެ.

ނަމަވެސް 2013 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އެ ކައުންސިލަށް ލިބުނު ފައިސާގެ ތެރެއިން ބޮޑު އަދަދެއް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އޮޑިޓް ކުރިއިރުވެސް ޖަމާކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ޖަމާނުކޮށް ހުރި ފައިސާގެ ތަފްސީލު

ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް ހުރި ފައިސާގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ހިމެނެނީ މުދަލު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވާ ފައިސާއިންނެވެ. އެގޮތުން 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ދެމެދު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 662,132 ރުފިޔާ ޖަމާނުކޮށް ހުއްޓެވެ. މީގެ އިތުރުން 2016 އިން 2024 އަށް އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ޓްރާންސްޕޯޓް ޚިދުމަތްތަކުން ލިބުނު 187,700 ރުފިޔާ އާއި، 2013 އިން 2023 އަށް އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތުން ލިބުނު 60,200 ރުފިޔާ ހިމެނެއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ފީގެ ގޮތުގައި ލިބުނު 7,500 ރުފިޔާ ވެސް ޖަމާނުކޮށް ހުރިކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ފައިސާތަކަކީ ގާނޫނާ އެއްގޮތަށް ދައުލަތުގެ މައި އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ ކަމަށްވާތީ، ވީއެންމެ އަވަހަކަށް އެ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށް ކައުންސިލަށް ވަނީ އޮޑިޓް އޮފީހުން އަންގާފައެވެ.

ކުންފުނިތަކުގެ ބިމު ކުލި ނުލިބޭ މައްސަލަ

ފައިސާ ޖަމާނުކުރުމުގެ މައްސަލައިގެ އިތުރުން، މާއެނބޫދޫގައި މުވާސަލާތީ ހިދުމަތް ދިނުމަށް ދޫކޮށްފައިވާ ދެ ބިމަކުން ކައުންސިލަށް ލިބެންޖެހޭ އެއްވެސް ކުއްޔެއް ލިބިފައި ނުވާކަންވެސް އޮޑިޓުން ވަނީ ހާމަވެފައެވެ. މިނިސްޓްރީ އޮފް ފިނޭންސުން 2020 ވަނަ އަހަރު ނެރުނު ސާކިއުލަރއެއްގެ ދަށުން، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނުގެ ކުލީ އެއްބަސްވުންތައް ކައުންސިލްގެ ނަމަށް ބަދަލުކުރަން ޖެހެއެވެ.

ނަމަވެސް މުވާސަލާތީ ހިދުމަތް ދޭ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ކައުންސިލްގެ ނަމަށް ބަދަލުކޮށްފައި ނުވާތީ، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އެ ބިންތަކުން އެއްވެސް ކުއްޔެއް ކައުންސިލަށް ލިބިފައެއް ނުވެއެވެ. މިކަމާ ގުޅިގެން ކައުންސިލުން ބުނެފައިވަނީ ބިން ބޭނުންކުރާ ފަރާތްތަކާ ވާހަކަދެކެވެމުން ދިޔަ ނަމަވެސް، ކުލީގެ އަދަދުތަކަށް އެއްބަސްނުވެވިގެން އެއްބަސްވުމުގައި ސޮއިކުރެވިފައި ނުވަނީ ކަމަށެވެ.

ތަރައްގީގެ ޕްލޭނާއި ހަރަދުތަކުގެ ތަފްސީލު ހާމަނުކުރުން

މާއެނބޫދޫ ކައުންސިލްގެ އިދާރާގެ ހިންގުމުގައި އިތުރު އިހުމާލުތަކެއް ހުރިކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ފަސް އަހަރުގެ ރަށު ތަރައްގީގެ ޕްލޭނާއި ފިނޭންޝަލް ޕްލޭން އެކުލަވާލާފައި ނުވުން ހިމެނެއެވެ. އަދި ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގަވާއިދާ އެއްގޮތަށް، ކައުންސިލުން ކުރާ ޚަރަދުތަކުގެ ތަފްސީލު ރައްޔިތުންނަށް ފެންނާނޭހެން މަހުން މަހަށް އާންމުކޮށްފައި ނުވާކަންވެސް އޮޑިޓުން ވަނީ ހާމަވެފައެވެ.

އޮޑިޓާ ޖެނެރަލް ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، މިފަދަ އިދާރީ އަދި މާލީ މައްސަލަތައް އަވަހަށް އިސްލާހުކުރުމަށް ކައުންސިލަށް އިލްތިމާސްކޮށްފައި ވެއެވެ.