ހައުސިންގް މިނިސްޓްރީން އެކިއެކި ސަބަބުތަކާހުރެ ބާތިލުކުރި މަޝްރޫއުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން 136.53 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ނުލިބިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
2018 އިން 2023 އަށް އެ މިނިސްޓްރީން ހިންގި މާލީ މުއާމަލާތްތައް ބަލައި ނެރުނު ރިޕޯޓުގައިވާ ގޮތުން، އެ މުއްދަތުގައި އެއްބަސްވުން ބާތިލުކުރި 25 މަޝްރޫއަކަށް ދޫކުރި 180.29 މިލިއަން ރުފިޔާގެ ތެރެއިން 76 އިންސައްތަ ފައިސާ އަދިވެސް ވަނީ ދައުލަތަށް އަނބުރާ ނުލިބިއެވެ.
އަނބުރާ ނުލިބިވާ އެޑްވާންސް ފައިސާގެ އެންމެ ބޮޑު އަދަދެއް ހިމެނެނީ ހދ. ކުޅުދުއްފުށީގައި 400 ހައުސިންގް ޔުނިޓް އެޅުމަށް "ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ" ހަވާލުކުރި މަޝްރޫއުގައެވެ. މި މަޝްރޫއަށް އެޑްވާންސްގެ ގޮތުގައި ދޫކުރި 65.99 މިލިއަން ރުފިޔާގެ ތެރެއިން 59.22 މިލިއަން ރުފިޔާ ނުވަތަ 90 އިންސައްތަ ފައިސާ އަނބުރާ ހޯދިފައެއް ނުވެއެވެ.
މަސައްކަތުގެ ދުވެލި ދަށްވުމާއި ޕާފޯމަންސް ގެރެންޓީގެ މުއްދަތު އިތުރުނުކުރުމުގެ ސަބަބުން މި އެއްބަސްވުން ބާތިލުކުރިއިރު، ނިމިފައިވަނީ މަސައްކަތުގެ އެންމެ 18.74 އިންސައްތަ ކަމަށް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން ހަމަ އެ ކުންފުންޏާ ހަވާލުކުރި ނ. މަނަދޫ 40 ހައުސިންގް ޔުނިޓްގެ މަޝްރޫއަށް ދިން 6.04 މިލިއަން ރުފިޔާގެ އެޑްވާންސް ފައިސާ އެއްކޮށް ގެއްލިފައިވާއިރު، ޅ. ހިންނަވަރު އަދި ގއ. ވިލިނގިލީ ހައުސިންގް މަޝްރޫއުން ވެސް ބޮޑެތި އަދަދުތަކެއް އަނބުރާ ލިބިފައެއް ނުވެއެވެ.
ފެނަކައަށް ދޫކުރި އެޑްވާންސްގެ 51 މިލިއަން ރުފިޔާ ނުލިބޭ
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބާތިލުކުރި 25 މަޝްރޫއުގެ ތެރެއިން 14 މަޝްރޫއަކީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހިންގި މަޝްރޫއުތަކެވެ.
މި މަޝްރޫއުތަކަށް އެޑްވާންސްގެ ގޮތުގައި ޖުމުލަ 63.01 މިލިއަން ރުފިޔާ ފެނަކައަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 51.84 މިލިއަން ރުފިޔާ އަނބުރާ ލިބިފައެއް ނުވެއެވެ. އެ މަޝްރޫއުތަކުގެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ނުދިއުމާ ގުޅިގެން މިހާރު ވަނީ އެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ. ފެނަކައިން ލިބެންޖެހޭ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއާއި އެ ކުންފުންޏާއެކު މަޝްވަރާކުރަމުންދާ ކަމަށް ހައުސިންގް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
ޕާކިންގް ސިސްޓަމްތަކަށް 59 މިލިއަން ހަރަދުކޮށް ބޭކާރުވެފައި
މާލެއާއި ހުޅުމާލޭގެ 20 ސަރަޙައްދެއްގައި އޮޓޮމެޓިކް ޕާކިންގް ސިސްޓަމް ބެހެއްޓުމަށް އެސްޓީއޯއާ ހަވާލުކޮށްގެން ހިންގި 59.35 މިލިއަން ރުފިޔާގެ މަޝްރޫއަކީ ވެސް ފީސިބިލިޓީ ސްޓަޑީއެއް ހެދުމެއް ނެތި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެއް ކަމަށް ރިޕޯޓުގައިވެއެވެ. އެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގޮސްގެން އެއްބަސްވުން ބާޠިލުކޮށް ބޭރު ކުންފުންޏަކާ ހަވާލުކުރި ނަމަވެސް، މިއަދާ ހަމައަށް ވެސް ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބި، އެ މަޝްރޫއަށް ކުރި ހަރަދު ވަނީ ބޭކާރުވެފައެވެ.
ހަމަ އެހެންމެ ހުއްޓިފައިވާ މަޝްރޫއުތަކުގެ ހާލަތު ރަނގަޅަށް ވަޒަންނުކޮށް އަލުން ހަވާލުކުރުމުގެ ސަބަބުން، 4 މަޝްރޫއަކަށް ވޭރިއޭޝަންގެ ގޮތުގައި އިތުރަށް 33.87 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހިފައިވާ ކަމަށް ވެސް އޮޑިޓުން ފާހަގަވެފައިވެއެވެ.
މީގެއިތުރުން ވެސް އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަން
- ހދ. ނޮޅިވަރަންފަރު 60 ހައުސިންގް ޔުނިޓް މަޝްރޫއަށް، 2017 އާއި 2019 އާ ދެމެދު އެސްޓީއޯ މެދުވެރިކޮށް 11,098,379 ރުފިޔާގެ ތަކެތި ގަނެފައިވެއެވެ. ނަމަވެސް އެ ތަކެތި ބޭނުންކޮށްގެން އެއްވެސް މަސައްކަތެއް ކުރިކަން ނުވަތަ އެ ތަކެއްޗަށް ވީގޮތެއް އެނގެން ނެތްކަން
- ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް، 2019 އާއި 2023 އާ ދެމެދު ހިނގާފައިވާ 77,745,115 ރުފިޔާގެ ރިކަރަންޓް ހަރަދު ރިކޯޑްކޮށްފައިވަނީ ކެޕިޓަލް ހަރަދުގެ ގޮތުގައި. އޭގެ ތެރޭގައި އެކި އިމާރާތްތަކާއި ފްލެޓްތައް މަރާމާތުކުރުމާއި، ގުޅީފަޅު ބަދަލު ދިނުމުގެ ހަރަދުތައް ހިމެނޭ.
ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާ ނުހޯދައި ދޫކޮށްލުމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފު އަމަލަކަށް ވާތީ، މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން މި މައްސަލަތައް ބަލައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ. އަދި މަސައްކަތް ފުރިހަމަ ނުކުރާ ކުންފުނިތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅުމަށާއި، ދަޢުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ވެސް ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.
