ރޯދަމަހަށް ހާއްސަކޮށްގެން އެޗްޑީސީ އިން ހުޅުމާލެ ފޭސް 2 ގައި މަސް މާރުކޭޓާއި ލޯކަލް މާރުކޭޓެއް ހުޅުވައިފިއެވެ.
ހުޅުމާލޭގައި ހުޅުވާ މި މަސް މާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކުރެވިގެން ހުޅުވާ ތަނެއްކަން އެޗްޑީސީ އިން ވަނީ ފާހަގަކޮށްފައެވެ. އަދި އެޗްޑީސީ އިން ބުނީ ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީ ހަވާލުކުރެވިފައިކަމަށާއި، ރޯދަ މަސް ފެށުމާއި އެކު މި ލޯކަލް މާރުކޭޓު ހުޅުވިގެން ދާނެކަމަށެވެ. މި މާރުކޭޓު ރޯދަ މަހުން ފެށިގެން ދެމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެއެވެ.
އެޗްޑީސީ އިން ބުނީ މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް 1 އަދި 2 އަދި ވިނަރެސް 9 10 ހުންނަ ސަރަހައްދުގަ ކަމަށެވެ. މި މާރުކޭޓުގެ ބޭނުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަ ޖެއްސުން ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އެޗްޑީސީ އިން ބުނީ މި މާރުކޭޓު ތަކުގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން ކަމަށާއި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ވީހާވެސް ގިނަ ފަރާތްތަކަށް ލުއި ގޮތްތައް ހޯދައިދިނުން ކަމަށެވެ.