ސައިކަލަކާއި ޕިކަޕެއް ޖެހި ތިނަދޫގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، ގދ. ތިނަދޫ ގާޒީ މަގުގެ އުތުރުން ދެކުނަށް ދުއްވާފައި އައި ޕިކަޕެއް އަތްތާރަފަނި މަގުން ދުއްވާފައި އައި ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު 3:40 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެގެން ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާއާއި އެ ޕިކަޕު ދުއްވަން އިން މީހާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.