ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ އާ ފިލްމު "ލަސްވިޔަސް" ގެ ޓިކެޓް އޮލިމްޕަހުން ވެސް ވިއްކަން ފަށައިފި އެވެ.

1994 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދެރިޔާ" އަށް ފަހު ޓެޑްރީ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަސް ކައުންޓަރުން ވިއްކަން ފެށިއިރު ފިލްމުގެ ޓިކެޓްގެ އަގު އުޅެނީ 160 ރުފިޔާއަށެވެ. ފިލްމުގެ 64 ޝޯ ދައްކަން އޮލިމްޕަސް މިހާރުވެސް ބުކްކޮށްފައިވާއިރު މި ފިލްމު އޮލިމްޕަހުގައި ޕްރިމިއާކުރާނީ އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުއެވެ. ފިލްމުގެ ޓިކެޓް އޮންލައިންކޮށްވެސް ބުކްކުރުމުގެ ފުރުސަތު ވަނީ ފިލްމުގެ ޓީމުން ހުޅުވާލާފައެވެ. ފިލްމުގެ ޓިކެޓް ބުކްކުރެވޭނީ ފިލްމުގެ ޓިކެޓް ބުކްކުރަން ހަދާފައިވާ ހާއްސަ ވެބްސައިޓް، ލަސްވިޔަސްޑޮޓްކޮމް މެދުވެރިކޮށެވެ.

ކުޑަކުއްޖެއްގެ މުހިންމު ބައިތަކެއް އެކުލެވޭ ދިރިއުޅުމާ ގުޅޭ އަސަރު ގަދަ ހާދިސާތަކެއްގެ ފިލްމުން ފެނިގެންދާނެއެވެ. ފިލްމުގައި ކުޑަކުއްޖާގެ ރޯލް ކުޅެނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހިމެވެ. ގިނަ ދުވަސްތަކެއްގެ މަސައްކަތް ހަގީގަތަކަށް ހަދައި ނެރެން ތައްޔާރުވެފައިވާ މި ފިލްމުގެ ޓްރެއިލާގެ ކޮންމެ މަންޒަރަކުން ވެސް ފެންނަނީ އަޖައިބެވެ. ފިލްމުގެ ޓްރެއިލާ އިން ފެނިގެންދިޔަ މަންޒަރުތައް ވަރަށް ޗާލެވެ. ފިލްމު އެހާ ހިތްގައިމު ވާނެ ކަން ޔަގީނެވެ. ލޯތްބާއި، ހިތާމައިގެ އިތުރުން ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތަކަށް ފިލްމުގައި އަލިއަޅުވައިލާފައިވާއިރު އެ ހުރިހާ ރަހަތަކެއް ފިލްމުގެ ޓްރެއިލާއިން ވެސް ފެނިގެންދިޔައެވެ.

ޒޯޔާގެ އިތުރުން އަހުމަދު އީސާ (އާނަންދު) އަދި ވާޝިޔާ މުހައްމަދު، ފައުޒިއްޔާ ހަސަން މި ފިލްމުން ފެންނާނެއެވެ. މި ފިލްމަކީ މަޝްހޫރު ބަތަލާފައުޒިއްޔާގެ ފެނިލުން ފެނިގެންދާ އެންމެ ފަހު ފިލްމުވެސްމެއެވެ. އޭނާ ވަނީ 2022 ވަނަ އަހަރު ނިޔާވެފައެވެ. ވާޝިޔާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުން ފެނިގެންދާއިރު އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. އަދި ޒޯޔާ ކުޅޭނީ ހަމްރާ ކެރެކްޓާއެވެ.