މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން "ކަނބަލުންގެ ލީވް"ގެ ނަމުގައި ހާއްސަ ޗުއްޓީއެއް ތައާރަފްކުރަން ނިންމައިފިއެވެ.

އަންހެން މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ތައާރަފްކުރަން ނިންމާފައިވާކަން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް ރަސްމީކޮށް އިއުލާންކުރެއްވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޓީ-ޖެޓީ ސަރަހައްދުގައި އެމްޕީއެލް އިން ރޭ ބޭއްވި ހަފުލާއެއްގައެވެ.

އެމްޕީއެލް އިން ތައާރަފްކުރި "ކަނބަލުންގެ" ލީވް އަކީ ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް މައްސަރު ދުވަސްވަރު ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި އުފެއްދުންތެރި މަސައްކަތުގެ މާހައުލެއް ކަށަވަރު ކޮށްދިނުމަށްޓަކައި އެ ކުންފުނިން ތަޢާރަފްކުރި ޗުއްޓީއެކެވެ.

މި ޗުއްޓީގެ ދަށުން މެޑިކަލް ސެޓްފިކެޓާ ނުލައި ކޮންމެ މަހެއްގައިވެސް އަންހެން މުވައްޒަފުންނަށް 1 ދުވަހުގެ ޗުއްޓީއަކަށް އެދެވޭނެއެވެ. މި ޗުއްޓީ ދިނުމަށް ހެދި އުސޫލުގެ ދަށުން، މުވައްޒަފުންނަށް ޗުއްޓީ ނެގުމުގެ ފުރުސަތު ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މީގެ އިތުރުންވެސް އެމްޕީއެލް އިން ދަނީ މުވައްޒަފުންނަށް ފައިދާ ކުރަނިވި އެތައް ބަދަލުތަކެއް ގެންނަމުން ކަން ފާހަގަކޮށްލެވެއެވެ.