ރާއްޖޭގެ އާބާދީގައި ދަރިމައިވާ މިންވަރު ހުރީ 1.7 [ކޮންމެ ދެމަފިރިއަކަށް 1.7 ކުދިން] ގެ ނިސްބަތުގައި ކަމަށާއި އާބާދީއަށް ކޮންމެ ދެމަފިރިއެއްގެ ފަރާތުން މަދުވެގެން 2 ކުދިން ބޭނުންވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ހާމަ ކުރި ތާވަލަކުން ދައްކާ ގޮތުގައި, ދިވެހި އަންހެނަކު އެވްރެޖްކޮށް ދައިމައިވާ އުމުރުގެ ތެރޭގައި ހޯދާ ދަރިންގެ އަދަދު މިހާރު ހުރީ ކޮންމެ ދެމަފިރިއަކަށް 1.7 ކުދިންގެ ރޭޓުގައެވެ. މިއީ ކޮންމެ ދެމަފިރިއެއްގެ ބަދަލުގައި ދަރިފަސްކޮޅު ދެމިގެން އަންނަން ބޭނުންވާ މިންވަރަށް ވުރެ ދަށް އަދަދެއް ކަމަށާއި ކޮންމެ ދެމަފިރިއަކަށް މަދުވެގެން 2 ކުދިން ބޭނުންވާ ކަމަށް ބުނެއެވެ.
ދުޅަހެޔޮ އިގްތިސޯދެއް އޮތުމަށް ވެސް ހެޔޮވަރުގެ އާބާދީއެއް އޮންނަން ޖެހޭ ކަމަށް އިލްމީ ދިރާސާތަކުން ދައްކާ އިރު ރާއްޖޭގައި އާބާދީ އިތުރުވާ މިންވަރު ހުންނަން ޖެހޭ މިންގަނޑަށް ވުރެ ދަށް ކަމަށާއި އެ މިންގަނޑަށް އުފަންވަމުން ނުދާ ކަމަށް ސްޓެޓިސްޓިކްސް އިން ވަނީ ފާހަގަ ކޮށްފައެވެ.
ރާއްޖޭގައި ދަރިމައިވާ ވުން ބެހިފައި ވާ ގޮތް;
- ހއ ގައި ކޮންމެ ދެމަފިރިއަކަށް 1.9 ކުދިން
- ހދ ގައި ކޮންމެ ދެމަފިރިއަކަށް 1.4 ކުދިން
- ށ ގައި ކޮންމެ ދެމަފިރިއަކަށް 1.6 ކުދިން
- ނ ގައި ކޮންމެ ދެމަފިރިއަކަށް 1.3 ކުދިން
- ރ ގައި ކޮންމެ ދެމަފިރިއަކަށް 1.9 ކުދިން
- ބ ގައި ކޮންމެ ދެމަފިރިއަކަށް 1.9 ކުދިން
- ޅ ގައި ކޮންމެ ދެމަފިރިއަކަށް 1.7 ކުދިން
- ކ ގައި ކޮންމެ ދެމަފިރިއަކަށް 2.2 ކުދިން
- އއ ގައި ކޮންމެ ދެމަފިރިއަކަށް 2.1 ކުދިން
- އދ ގައި ކޮންމެ ދެމަފިރިއަކަށް 1.7 ކުދިން
- ވ ގައި ކޮންމެ ދެމަފިރިއަކަށް 1.7 ކުދިން
- މ ގައި ކޮންމެ ދެމަފިރިއަކަށް 1.7 ކުދިން
- ފ ގައި ކޮންމެ ދެމަފިރިއަކަށް 2.2 ކުދިން
- ދ ގައި ކޮންމެ ދެމަފިރިއަކަށް 1.3 ކުދިން
- ތ ގައި ކޮންމެ ދެމަފިރިއަކަށް 1.7 ކުދިން
- ލ ގައި ކޮންމެ ދެމަފިރިއަކަށް 2.1 ކުދިން
- ގއ ގައި ކޮންމެ ދެމަފިރިއަކަށް 2.1 ކުދިން
- ގދ ގައި ކޮންމެ ދެމަފިރިއަކަށް 1.8 ކުދިން
- ޏ ގައި ކޮންމެ ދެމަފިރިއަކަށް 2.2 ކުދިން
- ސ ގައި ކޮންމެ ދެމަފިރިއަކަށް 1.5 ކުދިން
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 18 ޕަސެންޓް މީހުންނަކީ ދުވަހަކުވެސް އަދި ކައިވެންޏެއް ނުކުރާ މީހުންނެވެ. ކައިވެނި ކޮށްގެން އުޅޭ ޕަސެންޓް 67 އަށް އަރާ އިރު ވަރީގެ ނިސްބަތަކީ 10 ޕަސެންޓެވެ. އަދި ފިރި މަރުވެފައި ތިބި 5 ޕަސެންޓް އަންހެނުން ރާއްޖޭގައި އެބަ ތިއްބެވެ.
ރާއްޖޭގެ އާބާދީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދުވެސް މަތިވެފައި ވާ އިރު, 13,456 އަންހެނެއްގެ ނުކުޅެދުންތެރިކަމެއް ހުރިކަން ސްޓެޓިސްޓިކްސް އިން ފާހަގަ ކޮށްފައި ވެއެވެ. ފިރިހެނުންގެ ތެރެއިން ނުކެޅުންތެރިކަމެއް ހުރިކަމަށް ރެކޯޑް ކޮށްފައި ވަނީ 10,945 އެވެ. އެއީ 5 އަހަރުން ފެށިގެން މަތީގެ އާބާދީގެ ތެރޭގައި ފާހަގަ ކުރެވިފައިވާ މިންވަރު ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެއެވެ. ހަމަ އެއާއެކު އުމުރުން 65 އަހަރުން މަތީގެ އާބާދީގެ ތެރެއިން 40 ޕަސެންޓް އަންހެނުންގެ މެދުގައި ނުކެޅުންތެރިކަމެއް ހުރިކަން ފާހަގަ ވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މަސައްކަތް ކުރާ އުމުރު ފުރައަށް ބަލާއިރު ރާއްޖޭގައި 138,584 އަންހެނަކު ތިބި އިރު ފިރިހެނުންގެ އަދަދަކީ 142,547 އެވެ. ތައުލީމެއް އަދި ތަމްރީނެއް ވެސް ނުހޯދާ އަދި އާމްދަނީ ލިބޭ މަސައްކަތެއްވެސް ނުކުރާ ނިސްބަތް އަންހެނުންގެ ތެރޭގައި ގިނަ ކަން ފާހަގަ ކޮށް އެ އިދާރާއިން ބުނީ 5,672 އަންހެނުންނަކީ ނުކިޔަވައި ނުވަތަ ތަމްރީނެއްވެސް ނުހޯދާ އަދި އާމްދަނީ ލިބޭނެ މަސައްކަތެއްވެސް ނުކޮށް ތިބި ބައެއް ކަމަށެވެ. ފިރިހެނުންގެ ތެރެއިން 4,744 މީހަކު ނުކިޔަވައި ނުވަތަ ތަމްރީނެއްވެސް ނުހޯދާ އަދި އާމްދަނީ ލިބޭނެ މަސައްކަތެއް ވެސް ނުކޮށް ތިބިކަމަށް ވެސް ބުނެފައި ވެއެވެ.
ކިޔަވައިގެން ތިއްބަސް މަސައްކަތެއް ލިބިފައި ނުވާ އާބާދީ އަކީ އަންހެނުންގެ ތެރެއިން 6.2 ޕަސެންޓެވެ. ފިރިހެނުންގެ ތެރެއިން އެ ނިސްބަތް ހުރީ 4.5 ޕަސެންޓުގައެވެ. މި އާބާދީގެ ތެރޭގައި ފިރިހެނެއް ނަމަ މަސައްކަތެއް ލިބުމުގެ ފުރުސަތު ފަހިވެފައި ވާ 75.9 ޕަސެންޓް މީހުން ތިބި ކަމަށާއި އަންހެނެއް ނަމަ އެ ފުރުސަތު ލިބިފައި ތިބީ 45.5 ޕަސެންޓް މީހުންނަށް ކަމަށް ވެސް ބުނެއެވެ.
ރާއްޖޭގެ ޖުމްލަ އާބަދީ އަކީ 515,132 އެވެ. އޭގެ ތެރެއިން ދިވެހި ފިރިހެނުންގެ އަދަދަކީ 194,562 އެވެ. އަންހެނުންގެ އަދަދަކީ 188,077 އެވެ. އެ އަދަދަށޤ ބަލާއިރު ކޮންމެ 100 އަންހެނަކަށް 103 ފިރިހެނުން [ދިވެހި ފިރިހެނުން] ރާއްޖޭގައި އެބަތިއްބެއެވެ.
ރާއްޖޭގެ އާބާދީގައި ހިމެނޭ ބޭރު މީހުންނަށް ބަލާއިރު 117,432 މީހުންނަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 15,061 އެވެ.
މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ އަންހެނުންގެ ދުވަސް ކަމަށް ވާއިރު "ދަ ޕްރެސް" ގެ ފަރާތުން ހުރިހާ ކަނބަލުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ކިޔަމެވެ.