މުޖުތަމައެއްގެ ދިރުމާއި ކުރިއެރުމާ ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރިއަރާނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކު ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު އަރިސްކުރައްވަމުން ރައީސް ވިދާޅުވީ ތައުލީމާއި، ސިއްހަތާއި، އިޖުތިމާއީ މި ނޫން ހިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އަގްތިސާދީ މަސައްކަތްތަކާއި އަދި މި ނޫނަސް މަސައްކަތްތައް ކުރިއަރާނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކުކަމަށެވެ.
ދިވެހި ތާރީހުގެ އެންމެ އެވޭލާ ލިޔެކިޔުންތަކުގައިވެސް ދިވެހި އަންހެނުންގެ ހީވާގިކަމާއި، މުރާލިކަމާއި، ގެވެހިކަމާއި، ސާފުތާހިރުކަމަށް ލޯބިކުރުމާއި، ގައުމީ އަދި އިޖުތިމާއީ ކަންކަމުގައިދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ފެންނާން ހުރިކަމަށް ރައީސް ވިދާޅުވިއެވެ.އަދި މިނިވަންކަމުގެ ހައްގުގައި ދިވެހީން ކުރި ކޮންމެ ޖިހާދެއްގައިވެސް ދިވެހި އަންހެން ދަރީންގެ ބައިވެރިވުމާއި ދައުރު ނުހަނު ބޮޑަށް އޮތްކަމީ، ދެބަސްވެވެން ނެތް ހަގީގަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވީހިނދު، އަންހެނުންގެ ހައްގުތައް އެންމެ ހެޔޮގޮތުގައި ކަނޑައަޅައިދީ، މުޖުމަތަމައުގައި އަންހެނުންގެ ގަދަރާއި އިއްޒަތާއި މަގާމު މަތިވެރިކޮށްދިނީ މާތްވެގެންވާ އިސްލާމްދީން. ކީރިތި ނަބިއްޔާ مُحَمَّدُ صلى الله عليه وسلم އިސްލާމީ ރިސާލަތާއިގެން ފޮނުއްވުނީ، އަންހެން ދަރީންނަކީ ބަދުނަސީބެއްކަމުގައި ދެކި، ދިރިތިއްބައި އަންހެން ދަރީން ވަޅުލަމުން ދިޔަ އަނދިރި ޒަމާނެއްގައި. އިސްލާމްދީން ވަނީ، އަންހެނުންގެ ފުރާނައާއި ދިރިތިބުމުގެ ހައްގު ހިމާޔަތްކޮށްދީ، ވާރުތަ މުދަލުން ބައި ލިބިދީ، އުނގެނުމާއި މަސައްކަތްކުރުމުގެ ހައްގު ފުރިހަމައަށް ހޯދައިދީފަ. އިންސާނާ އެންމެ ހެޔޮކޮށް ހިތައި އޯގާތެރިވާން ޖެހޭނެ އެއްވަނަ މީހަކީވެސް، ދެވަނަ މީހަކީވެސް، ތިންވަނަ މީހަކީވެސް އޭނާގެ މަންމަކަމުގައި މުޅި އިންސާނިއްޔަތަށް އިރުޝާދު ދެއްވީ މާތް ރަސޫލާ مُحَمَّدُ صلى الله عليه وسلم. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުރީން އެންމެ ފަހަށް ވަސިއްޔަތްޕުޅު ކުރެއްވި އެއްކަމަކީ، އަނބީންނަށް އޯގާތެރިވުން. ނަބީކަމުގެ މަތިވެރި އިލާހީ ޒިންމާ އެކަލޭގެފާނާ ހަވާލުކުރެއްވިއިރު، ހުރިހާ ހިތްވަރަކާއި އެހީތެރިކަމެއް ދެއްވަން އަރިހުގައި ހުންނެވީ މުއުމިނުތަކުންގެ މައިކަމަނާ ހަދީޖަތުގެފާން. އެކަލޭގެފާނުގެ ރިވެތި ދިރިއުޅުއްވުމާއި، އިސްލާމްދީނުގެ ޙުކުމްތައް ސާފުކޮށް މުޅި އުންމަތަށް ބަޔާންކޮށް ދެއްވުމުގައި މުއުމިނުތަކުންގެ މައިކަމަނާ ޢާއިޝަތުގެފާނު އަދާކުރައްވާފައިވާ ދައުރު ނުހަނު މަތިވެރި. ކީރިތި ޤުރްއާނުގައި މަރްޔަމްގެފާނުގެ ކެތްތެރިކަމާއި، އާސިޔަތުގެފާނުގެ އީމާންތެރިކަމުގެ ރިވެތި މިސާލު، ތާރީފުގެ ބަސްފުޅުތަކާއެކު ވަޙީކުރައްވައިފައިވޭ. ދުނިޔޭގެ ވަރަށް ގިނަ ތާރީހީ ފޮތްތައް ބުނާ ގޮތުގައި، ތައުލީމު އުނގަންނައިދޭ އެންމެ ފުރަތަމަ ޖާމިއާ ނުވަތަ ޔުނިވާސިޓީ، "ޖާމިއުލް ގަރްވިއްޔީން"ގެ ނަމުގައި މީލާދީން 859 ވަނަ އަހަރު ބިނާކުރެއްވީ މުސްލިމް އަންހެން ބޭކަނބަލެއް ކަމުގައިވާ ފާތިމާ ބިންތު މުހައްމަދުލް ފިހްރީ" އިސްލާމީ ތާރިހުން މިސާލު ނަންގަވާ، ދީނުގައި އަންހެނުންނަށް ދެވިފައިވާ މަގާމާ ގުޅ ގޮތުން ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ސީނުކަރައިގެ ބުއްދިވެރި ބަހެއްގައިވެސް ބުނާ ބީދައިން "އުދަރެހުގެ ދެބައިކުޅަ އެއްބައި އުފުލައި ނަގަހައްޓައިދޭ ބަޔަކީ އަންހެނުންކަމަށް ވިދާޅުވެ އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ގައުމެއް، ވަތަނެއް، ދެމިއެއް ނޯންނާކަމަށެވެ. ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖުމަތައުގައި އަންހެން ދަރީންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށް ދިނުންކަން ފާހަގަކޮށް ރައީސް ވިދާޅުވީ ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުން ކަމަށެވެ.
ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތް ފަދަ، ތައުލީމީ ދާއިރާ ފަދަ، މުޖްތަމައުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ހިދުމަތްތެރީން ކަމަށް ރައީސް ވިދާޅުވިއެވެ. ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅު ސާނަވީއާއި މަތީ ސާނަވީ އަދި ޔުނިވާސިޓީ ތައުލީމުގެ މަރުހަލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދުން ގިނައީވެސް އަންހެން ދަރީން ކަމަށެވެ. "އަންހެނަކަށް އުނގަންނައިދިނުމަކީ ޖީލަކަށް އުނގަންނައިދިނުން" ކަމަށް ބުއްދިވެރި ބަހެއްގައި ބުނެފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެހެންކަމުން، މިއީ ދިވެހި ގައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއްކަމުގައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންކަމަށެވެ. އަނބީންގެ ގޮތުގައި އަދި ދައްތައިންނާއި ބޮޑުދައިތައިންގެ ގޮތުގައި ދިވެހި އާއިލާތަކަށް އޯގާތެރިކަމާއެކު ހޭހަންކުރާ މަދަދުގާރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި އުންމަތުގެ ތަރައްގީއާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައިވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ގައުމު އަބަދުވެސް ފަހުރުވެރިވާ ކަމަށެވެ.