ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް މާދަމާ ދޫކުރަން ފަށާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
ރޯދަމަހަށް ހާއްސަ ކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް އެސްޓީއޯ އިން ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން މިކަމަށް އެކަށޭނަ މުދާ އެތެރެކޮށް، ގުދަން ކުރުމުގެ އިތުރުން ބެހޭނޭ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އެސްޓީއޯއިން މިކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާ މަޝްވަރާކޮށް ގިނަ ބައެއްގެ އެހީތެރިކަމުގެ މަތިން ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ބުނީ މާލޭ ސަރަހައްދުގައި މުދާ ދޫކުރާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އަދި މާލެ ސަރަހައްދުގައި މުދާ ދޫކުރާނީ މާދަމާއިން ފެށިގެން މާޗް 16 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް ވެސް ބުނެފައި ވެއެވެ.
މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިޔަށް ނުގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވަނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30އިން މެނދުރުފަހު 1:00 އަށް އަދި ރޭގަނޑު 21:00އިން 23:30 ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މާލެ ސަރަހައްދުގައި ހަދިޔާ ދޫކުރުމަށްޓަކައި އެސްޓީއޯއިން ވަނީ ޖުމްލަ ހަތް ތަނެއް ގާއިމް ކޮށްފައެެވެ
.މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ތަންތަން:
މާލެ
- ގަލޮޅު ދަނޑު
- އާންމު ހިދުމަތްތަކާއި ބެހޭބައި (މާލެ ސިޓީ ކައުންސިލް)
- ސޯޝަލް ސެންޓާ
ވިލިމާލެ
- ބިއްރި މިސްކިތް ހޯލް
ހުޅުމާލެ ފޭސް-1
- އުމަރު ޒާހިރު ބިލްޑިން
ހުޅުމާލެ ފޭސް-2
- ހިޔާ ފްލެޓް ޓަވަރު 10 ޔޫތް ސެންޓާ
އެސްޓީއޯއިން ބުނީ ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ދޯނިތަކަށް ބަރުކުރަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި އެ މުދާ ގޭބީސީ ތަކަށް ދޫކުރާނީ ރަށު ކައުންސިލުން ކަމަށެވެ.
މީގެއިތުރުން ހަދިޔާ ދޫކުރަން ހަމަޖެހިފައި ވަނީ ދިވެހިންނަށް އެކަނިކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހަނޑޫ އަދި ފުށް ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ.