ހުޅުމާލެ ފޭސް 2ގައިވާ ވަގުތީ ލޯކަލް މާރުކޭޓުގެ ގޮޅި ދޫކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުޅުމާލެ ފޭސް2ގެ ވަގުތީ ލޯކަލް މާރުކޭޓުގެ ގޮޅި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން އެކަމަށް އެދި ހުށަހަޅާފައި ނުވާ ކަމަށް އެޗްޑީސީއިން ބުނެއެވެ. އެއާއެކު އެޗްޑީސީއިްނ މި ވަނީ އަނެއްކާވެސް އެ ފުރުސަތު ހުޅުވާލާފައެވެ.
އެޗްޑީސީއިން ބުނީ ހުޅުމާލެ ފޭސް ވަގުތީ ލޯކަލް މާރުކޭޓުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 10 އަކަފޫޓުގެ 16 ގޮޅި ކަމަށެވެ. އަދި މި ގޮޅިތައް ދޫ ކުރަނީ 2 މަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި ގޮޅިތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.
ގޮޅިއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް:
- ދިވެހި ރައްޔިތެއްކަމުގައިވުން
- 18 އަހަރުފުރިފައިވުން
- ހުޅުމާލެއަށް ރަޖިސްޓްރީވެފައިވާ ރަށްވެސަކަށްވުން
ހުޅުމާލެ ފޭސް 2ގައިވާ ވަގުތީ މާރުކޭޓު ގޮޅި ހިންގުމަށް އެދި ހުށަހަލާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30އިން 11:00އާ ދެމެދު ހުޅުމޭލެ ގާޒީ ސްކޫލުން ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި އެދުވަހުގެ 11:00އާ ހަމައަށް ދޫކުރެވިފައިވާ ޓޯކެންތަކުގެ ފޯމު ބަލައިގަތުމަށްފަހު ގުރުނެގުން އޮންނާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން އިތުރަށް ބުނެފައި ވަނީ ގޮޅި ހަވާލު ކުރާ ދުވަހުން ފެށިގެން 5 ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ޖެހޭނެ ކަމަށެވެ. އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ނަމާދު ވަގުތުތައް ފިޔަވައި ހެނދުނު 8:00އިން ރޭގަނޑު 10:00އަށް ވިޔަފާރި ހުޅުވާފައި ހުރުން ލާޒިމްވާނެ ކަމަށެވެ.