މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2024" ވިލާ ނޯޓިކާގައި މިއަދު ފަށައިފިއެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާ އެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ.

އެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ އެ ކޮންފަރެންސަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ބައްދަލުވުމެއް ކަމަށެވެ.

ވަޖީހް ވިދާޅުވީ މިއީ ވަރަށް މުހިންމު ވަގުތެއް ކަމަށާއި ދޭސީ އަދި ބިދޭސީ ސްޓޭކް ހޯލްޑަރުން އެއް ތަނަކުން ބައްދަލުވެ، މެރިޓައިމް ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ދާއިރާގެ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަދައްކައި އެ ދާއިރާގެ މުސްތަގްބަލް ބައްޓަންކުރުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެންދޭނެ ކަމަށެވެ. އަދި އެމްޕީއެލްއިން ތިބީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް އަތުކުރި އޮޅާލައިގެން ކަމަށް ވެސް ވަޖީހް ވިދާޅުވިއެވެ.

ވަޖީހް ވިދާޅުވީ ރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްގީކޮށް، އިގްތިސޯދު ކުރިއެރުވުމަކީ މިއަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށާއި މެރިޓައިމްގެ ދާއިރާ ފުޅާކުރުމަށް މިއަދުގެ ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮޖެކްޓްތަކަކީ މެރިޓައިމް ދާއިރާއަށް "އިންގިލާބީ ބަދަލެއް" ގެންނާނެ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

ވަޖީހް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި ޓްރާންޝިޕްމަންޓް ޕޯޓަކާއެކު ތަރައްގީކުރުމަށް ރޭވިފައިވާ އިހަވަންދިއްޕޮޅު ޕޯޓް ފެސިލިޓީ އަދި ލާމޫ ގާދޫގައި ބަންކަރިން ހިދުމަތްތައް ފެށުމަކީ ރާއްޖޭގެ (މެރިޓައިމް ދާއިރާއަށް) އިންގީލާބީ ބަދަލުތަކެއް ގެންނާނެ ޕްރޮޖެކްޓްތައް ކަމަށެވެ.

އެ ކޮންފަރެންސް ބާއްވަނީ އިންޓަނޭޝަނަލް ޕޯޓްސް އެންޑް ހާބަސް (އައިއޭޕީއެޗް) އާއި ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި ޖޮހޯރް ޕޯޓް (މެލޭޝިއާ) އަދި ޕޯޓް އޮފް ވެލެންސިއާ (ސްޕެއިން)އާ ގުޅިގެންނެވެ.

އެމްޕީއެލްއިން ބުނީ މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ބޭއްވުމުގެ އެއް ބޭނުމަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކި ގޮތްގޮތުން ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުން ކަމަށެވެ. އަދި އެ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެ ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ މެރިޓައިމް ކޮންފަރަންސްގައި މެރިޓައިމް ދާއިރާގެ ކުންފުނިތަކާއި ރާއްޖޭގެ ސްޓޭކް ހޯލްޑަރުންނާއި ބައިނަލްއަޤްވާމީ ސްޓޭކް ހޯލްޑަރުންގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށާއި އެ ފޯރަމްގެ ސްޕީކަރުންގެ ގޮތުގައި ރާއްޖޭގެ ތަޖުރިބާކާރުންނާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންވެސް ބައިވެރިވާނެ ކަމަށެވެ.

މި ކޮންފަރެންސްގެ ސްޕޮންސަރުންނަކީ އެލިއާ އިންވެސްޓަމަންޓް އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. ލޮޖިސްޓިކްސް ޕާޓްނަރަކީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އެވެ. އަދި މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަދި ޑިޖިޓަލް މީޑިއާ ޕާޓްނަރަކީ މޯލްޑިވްސް މެރިޓައިމް ޖާރނަލް (އެމްއެމްޖޭ)އެވެ.