ރޯދަމަހު ޔޫޓިލިޓީ ބިލްތައް ބޮޑެއް ނުވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ރޯދަ މަހު ކަރަންޓާއި ފެންބިލް އާންމުގޮތެއްގައި ބޮޑު ވާތީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމަށާއި މިކަމަށް މިފަހަރު އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވީ ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އާންމު މަސްތަކުގައި ކަރަންޓު ބިލާއި ފެންބިލު ހުންނަ ރޭޓުގައި ރޯދަ މަހުވެސް ބެހެއްޓުމަށް އަންގާފައިވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ހދ. ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވަނީ އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓްބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދެއްވާފައިވާކަން ފާހަގަކޮށްފައެވެ.
އެގޮތުން މާލެސިޓީއާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން މި ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ހަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުން ކަމަށާއި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ. އަދި އެ ބަދަލާއެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހި ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.