ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހުނަރު ދަސްކޮށްދިނުމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިލްޓަންގެ 3 ރިސޯޓާއިއެކު ފަހުމްނާމާގައި ސޮއިކޮށްފިއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، އިޖުތިމާއީ އެކި ދާއިރާތަކުން ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ އެފަދަ ފަރާތްތައް ޝާމިލުކުރުން އިތުރު ކުރުމުގެ މަގުސަދުގައި ސޮއިކުރި ފަހުމްނާމާއެކެވެ.

މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަގުހުރި ވޮކޭޝަނަލް ޓްރެއިނިންގް ޕްރޮގްރާމްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް މިވަގުތު ބޭނުންވާ ތަފާތު ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތަކާއި، މަސައްކަތުގެ މައިދާނަށް ނިކުތުމަށް ބޭނުންވާ ތަޖުރިބާ ލިބިގެންދާނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުސަތުތައް އިތުރުކޮށް، މިސިނާއަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލްކުރެވިގެންދާ ސިނާއަތަށް ވެގެންދިއުމަށް މަގުފަހިވެގެން ދާނެ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ހިލްޓަން އިން ރާއްޖޭގައި ހިންގާ 3 ރިސޯޓު ކަމުގައިވާ ވަލްޑާފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި ހިލްޓަން މޯލްޑިވްސް ރިސޯޓްސް އެންޑް ސްޕާ އާއިއެކުއެވެ.

ހިލްޓަންގެ 3 ރިސޯޓާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ފަހުމްނާމާގައި ސޮއި ކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް އަދި ހިލްޓަން ރިސޯޓްސްގެ ވައިސް ޕްރެޒިޑެންޓް އެންޑް ރީޖަނަލް ހެޑް އޮފް ހިލްޓަން ސައުތު އީސްޓް އޭޝިއާ، އެލެކްޒެންޑްރާ މުރޭ އަދި ހިލްޓަންގެ ދިވެހިރާއްޖޭގައި ހިންގާ 3 ރިސޯޓުގެ ޖެނަރަލް މެނޭޖަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.