ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުން މަނާކޮށްފައިވާ ކަމެއް ކަމަށްވާތީ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވުމާއެކު، އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާއި އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މެދުވެރިކޮށްވެސް މިފަދަ ކަންކަން ހިންގިޔަ ނުދިނުމަށް އަންގާފައި ވެއެވެ.

މީގެއިތުރުން، ދިވެހި ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ދީފައި ވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ދެ ފިރިހެނުން ކައިވެނިކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓެއްގެ ގޮނޑު ދޮށުގައެވެ. އަދި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ހަރަކާތްތެރިވާ މަންޒަރު ފެނިގެންދެއެވެ. މިކަމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުންވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.